ގާސިމް ނޫން އިތުރު ޗޮއިސްއެއް ރައްޔިތުންނަކަށް ނެތް: ޑރ. ވަހީދު

ގާސިމްގެ ކެމްޕޭން ޖަލްސާއެއްގައި ޑރ. ވަހީދު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ޖޭޕީ

ގައުމު މިއަދު އޮތް ހާލަތުން އަރައިގަތުމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ނޫން އިތުރު ޗޮއިސްއެއް ދިވެހި ރައްޔިތުންނަށް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ދާދިފަހުން އެމަނިކުފާނު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ށ. މިލަންދޫގައި މިރޭ ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ، ވޯޓު ދިނުމުގައި ބަލަންވީ ކުޑަ ޕާޓީއަށް ނުވަތަ ބޮޑު ޕާޓީއަށް ނޫން ކަމަށާއި ވޯޓު ދިނުމުގައި ބަލަންވީ ގައުމު ހިންގުމުގައި އެންމެ ގާބިލްކަމާއި، ކުޅަދާނަކަމާއި ތަޖުރިބާހުރީ ކާކުގެތޯ ކަމަށެވެ. އަދި އެ ހުރިހާ ޝަރުތެއް ފުރިހަމަވާ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށް ވަހީދު ވިދާޅުވިއެވެ.

"ހަގީގަތުގައި އެއްވެސް ޗޮއިސްއެއް ނެތް. ހަމައެކަނި އޮތް ޗޮއިސްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހީމަށް ވޯޓު ދިނުން," ވަހީދު ވިދާޅުވިއެވެ.

މި ގައުމު މިއަދު އޮތް ހާލަތަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ނުދަރާ ވަރަށް މި ސަރުކާރުގައި ދަރާފައި ވާކަމަށެވެ.

"މި ސަރުކާރަށް އިތުރު ފުރުސަތެއް ދީފި ނަމަ މި ގައުމު އަޅުވެތިވާނެ. އަޅުގަނޑުމެން އެބަ ޖެހޭ މިކަމުން ސަލާމަތްވާން. މި ގައުމު ސަލާމަތްކުރެވޭނެ އެހެން ކެންޑިޑޭޓެއް ނެތް ގާސިމް އިބްރާހީމް ނޫނިއްޔާ،" ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމާއި އެކިއެކި ހައްގުތައް ހޯދުމުގެ އިތުރުން ރާއްޖޭގެ ސަލާމަތްކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެމަނިކުފާނުގެ އިތުރުން ގާސިމް ވެސް ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، މިއަދު ގައުމު މި އޮތް ހާލަތައް ދޫކޮށްލައި ފަހަތަށް ޖެހެވެން ނެތް ކަމަށެވެ.

"އަޅުގަނޑަށް ނުޖެހޭ އެއްވެސް ކަމެއް ކުރާކަށް. ގޭގަ ހުރެވިދާނެ. އެހެންނަމަވެސް ގައުމުގެ ހާލަތު މިއަދު އޮތް ހިސާބުން އަޅުގަނޑުގެ ޒަމީރެއް ވެސް ގަބޫލެއް ނުކުރޭ ގޭގަ މަޑުކުރާކަށް. އެހެންވެގެން އަޅުގަނޑުވެސް ނިކުމެ މިހުރީ. ގާސިމް އިބްރާހީމް ވެސް އެހެންވެ ނިކުމެ އެހުރީ،" ވަހީދު ވިދާޅުވިއެވެ.

https://sun.mv/180996

ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ރިޔާސީ ޓިކެޓް ދިނުމުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ގޮތާ ޚިލާފަށް އަމަލުކުރުމުން ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި އެ މަނިކުފާނު ވެސް ހުންނެވީ ކެންޑިޑެސީގެ އުންމީދުގައި ކަމަށާއި ނަމަވެސް އެ ފުރުސަތު ނެތް ކަމަށެވެ.

comment ކޮމެންޓް