މުއިއްޒުގެ ވެރިކަމެއްގައި 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވަނީ

ޑރ. މުހައްމަދު މުއިއްޒު މުލަކުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

(މ. މުލަކުން ޢާލިމް އަބްދުއްލަތީފް)

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގެ 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް މިރޭ ވައުދުވެވަޑައިގެންފިއެވެ.

މ. މުލަކުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހިންގުމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"ހައްޖު ކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫން. ރައްޔިތުންނަކަށް މާ ބޮޑު ފައިދާއެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ބަދަލުތަކެއް އައިސް ތަރައްގީ ކުރެވެން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ހައްޖު ފަންޑުން އިންވެސްޓް ކުރެވޭނެ ގޮތް ހަމަޖެހި އެ ކޯޕަރޭޝަން ފައިނޭޝަލީ ވަރުގަދަވާން ޖެހޭ ކަމަށެެވެ.

ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --

"އޭގެ ނަފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށް މިހެން ދަންނަވަނީ،" މުއިއްޒު ވިދާޅުވިއެވެ.

އެ ގޮތަށް އެ ކަން ކުރުމުގެ ސަބަބުން ހައްޖަށް ދެވޭ އަގު ކުޑަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހައްޖަށް ނުދެވޭ ވަރުގެ ފަގީރުން އެބަތިބި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އެ އިސްލާހުތައް ހައްޖު ކޯޕަރޭޝަނަށް ގެނެވުމުން ވެރިކަމުގެ ކޮންމެ އަހަރަށް ބަހައިލައިގެން ކޮންމެ އަހަރެއްގައި 100 މީހުން ހިލޭ ހައްޖަށް ފޮނުވައިދެވޭނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ފަސް އަހަރުގެ ދައުރުގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވައިދޭނެ ކަމަށެވެެ. އަދި، މީހުން ހައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ހައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރުލިބިފައިވާ އިދާރާއެއް އުފައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

އޭގެ ސަބަބުން، ޒަކާތު ފަންޑު ވަރުގަދަކުރެވި، ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވޭނެ ގޮތް މަގުފަހިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެ ޒަކާތު ފަންޑު ބޮޑު ކުރުން ބޭނުމަކީ. ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ ކޮންމެ ކަމަކަށް ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު އޮތުންކަމަށް ވެސް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ސީދާގގޮތުން ރައްޔިތުންނަށް ނަފާވާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަތޮޅުގެ ގިނަ ރަށްތަކަށް ވެސް އޭނާ ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ.

comment ކޮމެންޓް