ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ތުހުމަތުވާ އަބްދުﷲ އިބްރާހީމް (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
ގައްބަރޭ ހައްޔަރު ކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.
އެއަށް ފަހު މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ ބަންދު ކުރީ ކުށަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވާތީއެވެ.
ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި، އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އެއަށް ފަހު އޭނާ އަލުން ހައްޔަރު ކޮށްފައި ވާއިރު، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނުގެ 16 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި، ގައްބަރޭ އަކީ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ވާތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް އޮތް ކަމަށް ދެކޭ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.
އޭނާ އަކީ 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2010 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.