މަސްވެރިންނަށް ބޭންކުން ފަސޭހަކަމާއެކު ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން: މުއިއްޒު

ޑރ. މުއިއްޒު ފ. ނިލަންދޫގައި ވާހަކަ ދައްކަވަނީ --

ފ. ނިލަންދޫން، ޢާލިމް އަބްދުއްލަތީފް

މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ހަމަޖެހޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ފ. ނިލަންދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަސްވެރިންނަށް ބޭންކުތަކުން ލޯނު ހޯދުމަކީ ވަރަށް އުނދަގޫވެފައި އޮތް ކަމެއް ކަމަށެވެ. އެ ކަމުގެ ކަންބޮޑުވުން މަސްވެރިންގެ އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭންކުތަކުން މަސްވެރިންނަށް ލޯނު ނުލިބެނީ، މުވައްޒަފެއްގެ ގޮތުގައި ބަލައިނުގަންނާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއެކު، މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައި މުވައްޒަފުންގެ ގޮތުގައި އެ ދަފްތަރުގައި ތިބޭ މަސްވެރިން ބަލައިގަނެވޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށެެވެ.

އޭގެ ސަބަބުން، މަސްވެރިންނަށް ފަސޭހަކަމާއެކު ބޭންކުން ލޯނު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރި އޮޑިފަހަރު ބަނުމަށް މިހާރު ގެންނަ ތަކެތިން ޑިއުޓީ ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ބޮޑު ދައްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި އެ ތަކެތިން ޑިއުޓީ ކަނޑާލާނެކަމަށް މިރޭ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒު ފ. ނިލަންދޫގައި ވާހަކަ ދައްކަވަނީ --

މީގެ އިތުރުން، މަސް ކިރާ ބަންދުކުރުމުގެ ފެކްޓްރީއެއް މި ސަރަހައްދުގައި ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، އެއީ ވަރަށް މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ދ. އަތޮޅުގެ މާދެލި، މަސް ކިރުވާ މަސް ބަންދުކުރާ ކާރުހާނާއެއް ގޮތުގައި އަޅުގަނޑު އިއުލާން ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކަންނެލި މަސްވެރިކަން ކުރާ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯދައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައި، އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި، އެ ސޮސައިޓީގެ ފަރާތުން ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި މެންބަރަކު ހިމަނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން މަސްވެރިން، މިފްކޯގެ ހިއްސާދާރުންނަށް ވެ، މިފްކޯއަށް ލިބޭ ފައިދާއިން މަސްވެރިންނަށް ފައިދާވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، މަސްވެރިންނަށް ބޭނުންވާ އިތުރު ކަންތައްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް