ތިން ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއަށް

ތިން ރަށެއްގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ތިން ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މިހަވާލު ކުރީ ގދ. މަޑަވެއްޔާއި ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު އާއި ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެެއްގައި، މި ތިން ރަށުގެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤުއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މި ތިން ރަށުގެ ތެރެއިން ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ދެކުނު ފަރާތަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ.

މި މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 44.3 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު ފުންކުރުމާއި ރިވެޓްމެންޓް ޖެހުމާއި، ޝީޓްޕައިލް ކީވޯލް ޖެހުމާއި، އެލް ބްލޮކް ކީވޯލް ޖެހުމާއި ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ އިތުރުން އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް އެޅުން ހިމެނެއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 60.2 މިލިއަން ރުފިޔާއަށް، 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގދ. މަޑަވެލީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގައި 8.85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެއެވެ. އޭގެ އިތުރުން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 628 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ.

މަޑަވެލީ ބިންހިއްކުން އެމްޓީސީސީއަށް ހަވާލު ކޮށްފައި މިވަނީ 77.9 މިލިއަން ރުފިޔާ އަށް 390 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

comment ކޮމެންޓް