އެމްޓީޑީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން

މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޓީޑީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ސައިދު ވިދާޅުވީ އެމްޓީޑީގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު އެ ޕާޓީއަށް 10،000 މެމްބަރުން އިތުރު ކުރުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ މި ހީވާގި މާލިމީ ގޮވައިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާސިލްވެ ޒުވާނުންގެ އަޑުއިއްވާ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް،" ސައިދު ވިދާޅުވިއެވެ.

އެ މަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުންނާއި ޒުވާނުން ބައިވެރިވުމަށް އޭނާ ވަނީ އެދިފައެވެ.

އެމްޓީޑީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ސައިދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

"މި އޮފީސް ހުޅުވުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އަޅުގަނޑުމެން ޒުވާނުން މިހާރު މިތިބި ހިސާބު ސާފުކޮށް ހުރިހާ ބޭފުޅުންނަށް ވެސް އަންގައިދިނުން،" އޭނާ ވިދާޅުވިއެވެ.

އެމްޓީޑީގެ އޮފީސް ހުޅުވައިދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މުސާ މަނިކެވެ. އެ އޮފީސް ހުންނާނީ ގ. އުތުރުބިންގައެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޓީޑީގެ އޮފީސް ހުޅުވައިދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ދެއްކެވި ވާހަކައިގައި އެ ޕާޓީ އުފެދުނުގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

"އަޅުގަނޑުމެން މި ގައުމަށް ހެޔޮ ގޮތާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ބޭނުންވާއިރުގަ، މި ޕާޓީ އުފެދުނު ގޮތަށް ބަލާއިރު އެމްޓީޑީ ގަރުބަގަނެ ވިހާ ވުޖޫދަށް އައީ ޖަލުގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. މި ޕާޓީގެ އަސާސީ ގަވާއިދު ނައިބު ރައީސް އަދީބު ލިޔުއްވެވީ ޖަލުގަ އޮންނަވައިގެން. ޕާޓީގެ މެނިފެސްޓޯ ލިޔުއްވެވީ ޖަލުގަ އޮންނަވައިގެން. މި ޕާޓީ އުފެއްދެވުމުގެ މަސައްކަތް ކުރެއްވީ ޖަލުގައި އޮންނަވައިގެން،" ހަލީމް ވިދާޅުވިއެވެ.

އެމްޓީޑީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު މުހައްމަދު ހަލީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ / މުހައްމަދު ޝާތިއު އަބްދުﷲ

ހަލީމް ވިދާޅުވީ އެމްޑީޓީއަކީ ރާއްޖޭގެ ޒުވާނުންނަށްޓަކައި ޖަލުން އުފެދިގެން އައި ޕާޓީއެއް ކަމަށެވެ.

އެ ޕާޓީގެ ވިސްނުމާއި ތަސައްވަރު ގުޅިފައި އޮތީ ރާއްޖޭގެ ޒުވާނުން ބާރުވެރި ކުރުވައިގެން ރާއްޖޭގެ ޗާޓު ކުރައްސަވަން ކަމަށް ހަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް