ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްއަށް ދައުލަތުން ހަމަޖެއްސި ވަކީލު ތަނާޒުލްވުމުން އޭނާއަށް އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފިއެވެ.
ޝިއާއު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ ރެއެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ހައްޔަރު ކޮށްފައިވަނީ ވެސް ކުށުގެ ވެށިންނެވެ. އަދި އޭނާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ. އަދި އިތުރު ދެ ދައުވާ އުފުލާފައިވާއިރު އެއީ ކޮން ދެ ދައުވާއެއް ކަމެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި އެންމެ ފުރުތަމަ ބޭއްވި އަޑުއެހުމުގައި ޝާހިލް ބުނެފައިވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ.
ގާނޫނު ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހޭނެއެވެ. ޝާހިލް އެދުނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަދިނުމަށެވެ.
ނަމަވެސް ދައުލަތުން އޭނާއަށް ހަމަޖެއްސި ވަކީލް މައްސަލައިން ތަނާޒުލު ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޝާހިލް ވަނީ އިތުރު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ. ޝަރީއަތުން އޭނާއަށް ވަނީ އެ ފުރުސަތު ދީފައެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.
ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފަހުން ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.