އަޑުއަހަން ކެރޭނެ، ވަކި ޕާޓީއަކަށް ވީތީ ތަފާތެއް ނުކުރާނަން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު ކެލާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ --

ރައްޔިތުންގެ އަޑުއަހާނެ ކަމަށާއި، އަޑުއަހަން ކެރޭނެ ކަމަށާއި އެ ކަމުގައި ވަކި ޕާޓީއެއްގެ މީހަކު ބާކީ ނުކުރައްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ހއ. ކެލައަށް ވަޑައިގެންނެވިއިރު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް މުޒާހަރާކުރަން ތިއްބެވެ. މުއިއްޒު ވަނީ އެ މީހުންނާ ސަލާންކުރައްވައި ވާހަކަ ދައްކަވައިފައެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ވަކި ޕާޓީއެއްގެ މީހަކު ތަފާތެއް ނުވާނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތް ކުރާނީ އުފަލާއި އިހްލާސްތެރިކަމާ އެކު ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމެއް ކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. އެެ ރައްޔިތެއް ނިސްބަތްވާ ޕާޓީއެއްގެ ސަބަބުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ތަފާތެއް ނުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

"އަޑުއަހަން ކެރޭނެ، އަޑުއަހާނަން. އަޑު އަހައި އެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދީ ކޮށްދޭން ޖެހޭ ކަންތައްތައް ތަފާތުކުރުމެއް ނެތި ކޮށްދޭނަން،"

އިތުރަށް، މުއިއްޒު ވިދާޅުވީ މި ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ބަދަލުހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭ ކަމަށެވެ. އިންސާފާއި އަދާލަތު އޮންނަން ޖެހޭނެ ކަމަށާއި އަނިޔާވެރިކަން ނިމުމަކަށް އަންނަން ޖެހޭ ކަަމަށެވެ.

މުއިއްޒު އެމްޑީޕީ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ -- ފޮޓޯ: ލީފްފޮޓޯސް

މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި އެއްވެ ހިޔާލުފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާ މިނެއްގައި، އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާ މިނެއްގައި ގާނޫނަށް ބަދަލު ގެނެސްގެން އެއްވެ އުޅުމުގެ މިނިވަންކަން އޭނާގެ ސަރުކާރެއްގައި ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ފާޅުކުރައްވަން ޖެހޭ ޚިޔާލެއް ފާޅުކުރައްވަން ވާނެ. އަޅުގަނޑުމެން ވާނީ ރައްޔިތުންގެ އަޑުއަހާ ބަޔަކަށް. ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ ގާތަށް ގޮސްގެން ކަންކަން ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިކަމާ ހަވާލުވެވަަޑައިގަތުމަށް ފަހު ވެސް އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށާއި އަޑު އައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި ކެލާގެ ރައްޔިތުންނަށް ވެސް ވައުދުތަކެއް ވަނީ ވެވަޑައިގެންފައެވެ. އެ ގޮތުން މި ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި، ރަށުން ރިސޯޓް ހަދަން ދޫކޮށްފައިވާ ބިމުން ވެސް ނަފާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ލުއިލޯން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ފަސޭހަކަމާ އެކު ލިބޭ އިންވެސްޓްމަންޓެއް ގޮތުގައި ބޭނުންކުރެވޭ ލޯން ފެސިލިޓީ ތައާރަފް ކުރުން އެއީ،" އޭނާ ވިދާޅުވިއެވެ.

މި ރަށުގެ ދަނޑުވެރިިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އަދި، ބަނދަރާ ގުޅިގެން ހަތަރު ވަރަކަށް ހެކްޓަރުގެ ބިން އުފެއްދެން އެބައޮތް ކަމަށާއި އެ ތަން ހިއްކައި މަސްވެރިކަމުގެ ސިނާއަތު ފުޅާކުރަން ވިސްނުން އެބަހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ކެލާގައި --

މި ހުރިހާ ކަމެއް ވުމުން ރައްޔިތުންގެ ޖީބަށް ފައިދާވަދެ އާއިލާތައް އުފަލާ އެކު އުޅޭ މަންޒަރު ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ގޮތަށް އެ ކަން ވުމުން އިރާދަކުރެއްވިއްޔާ ރާއްޖެ ކުރިއަރައިގެން ދާނީ. ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ހިންގުމަކުން ތަރައްގީއެއް ނުވޭ،" މުއިއްޒު ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ހއ. ބާރަށަށް ވަޑައިގަންނަވާނެއެވެ. އެއަށް ފަހު، ދެން މުއިއްޒު ބުރާސްފަތި ދުވަހު ދަތުރު ފައްޓަވާނީ ވ، މ، ފ އަދި ދ އަތޮޅަށެވެ.

comment ކޮމެންޓް