މާފުށިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ކ. މާފުށީ ހިއްކި ބިން --- ފޮޓޯ/ މާފުށީ ކައުންސިލް

ކ. މާފުށީ ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް އިއްޔެ ހުޅުވާލައިފިއެވެ.

މާފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުންނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ. މި ގޯއްޗަށް އެދި މުޅި ޖުމުލަ 726 ފޯމު ހުށަހަޅާފައި ވެއެވެ.

އިއްޔެ އިއުލާނު ކޮށްފައި ވަނީ ހިލޭ ދިނުމަށް ހުޅުވާލި ގޯތީގެ ވަގުތީ ލިސްޓެވެ. މާފުށިން ގޯތި ދޫކުރީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ނަމަވެސް ގޯތި ލިބިފައި ވަނީ ހަމައެކަނި މާފުށީ ރައްޔިތުންނަށެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހު ވިދާޅުވީ، ޕޮއިންޓުގެ ގޮތުން އެންމެ މަތިން ލިބިފައި ވަނީ މާފުށީ ރައްޔިތުންނަށް ކަމަށެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މާފުށީ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ނުވަތަ އެ ކައުންސިލްގެ އީމެއިލްއަށް މެއިލް ކޮށްގެނެވެ. ވަގުތީ ޝަކުވާތަކަށް ބެލުމަށް ފަހު ލިސްޓަށް ބަދަލު އައުން އެކަށީގެން ވެއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އެ ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފައި އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

މާފުއްޓަކީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް