ނ. އަތޮޅު ޖަރީވެފައިވަނީ ކޯލިޝަންގެ ކުލަތަކުން، އިދިކޮޅުން އައުމުގެ ބޭނުމެއް ނެތް: މައުރޫފް

އަލީ މައުރޫފް ނ. ލަންދޫގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މުޅި ނ. އަތޮޅު އޮތީ އެމްޑީޕީ ކޯލިޝަންގެ ކުލަތައްކަމަށްވާ އޮރެންޖާއި، ރީނދުލާއި، ފެހިން ޖަރީވެފައިކަމަށް އެމްޑީއޭގެ ނައިބު ރައީސް ޢަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ދަތުރުކުރުން އޮތީ ފަހު ދެ ރަށަށެވެ. އެއީ ލަންދޫއާއި މާފަރެވެ.

އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ނ. އަތޮޅަށް ތަރައްގީއެއް ގެނެސްދީފައިވަނީ އެމްޑީއޭއާއި އެމްޑީޕީންކަމަށެވެ.

އެހެން އެއްވެސް ޕާޓީއަކުން މި އަތޮޅަށް ގެެނެސްދިން ތަރައްގީއެއް ނޯންނާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ޕީޕީއެމް ސަރުކާރުން ވެސް މި އަތޮޅަށް ހިތުން ރުހުމުން ކޮށްދިން އެއްވެސް ކަމެއް ނޯންނާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

"ޕީޕީއެމް ސަރުކާރުގައި ވެސް ނ. އަތޮޅަށް ޓަކައި، ނ. އަތޮޅަށް ގެނައި ތަރައްގީއެއް ހުންނާނީ ރައީސް [އަބްދުﷲ] ޔާމީނަަށް މަޖުބޫރުކޮށްގެން އެ ކަން ކޮށްދީފައި. އެ މީހުން ހިތުން ރުހުމުން ކޮށްދިން އެއްވެސް ކަމެއް ނ. އަތޮޅަކަށް ނޯންނާނެ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އޭނާއަކީ ނ. އަތޮޅަށް އެމްޑީއޭއިން ގެނެސްދޭ ތަރައްގީގެ މެދުވެރިއެއްގެ ދައުރު އަދައިކުރި މީހެއްކަމަށެވެ.

އެގޮތުން މި އަތޮޅަށް ޓަކައި އެތައް މިލިއަން ރުފިޔާއެއްގެ ޚަރަދު އަތޮޅަށް އުފަން، އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ކުރެއްވިކަން އެނގިލައްވާކަމަށް މައުރޫފް ވިދާޅުވިއެވެ.

އެއާއެކު މައުރޫފްވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މި އަތޮޅަށް އަރައިވަޑައިގަތުމުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

"މުއިއްޒަށް އަޅުގަނޑު ދަންނަވާލަން އޮތީ ބާރު ނުފޯރާ ބަސްބުނުމުގެ ބާރު ނެތް ކެންޑިޑޭޓެއްގެ ގޮތުގައި އެހެން މީހަކު ބުނާ އެއްޗެއް ބުނަން ނ. އަތޮޅަށް ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ ނ. އަތޮޅުގައި ޕީޕީއެމްގެ އައްޗި ކުލަ އޮންނާކަށެއް،" މައުރޫފް ވިދާޅުވިއެވެ.

އެއާއެކު މައުރޫފްވަނީ މުޅި ނ. އަތޮޅުން ވެސް ރިކޯޑު އަދަދަކަށް ވޯޓުދީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮވައިދިނުމަށް އެދިލައްވައިފައެވެ.

"އަޅުގަޑުގެ ރައީސާއި އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ، ނ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން ކުރާ އާދޭހަކީ މި ފަހަރު ތި ބޭފުޅުން މި ކަން ނިންމައިދެއްވާށޭ [ރައީސް ހޮވައިދެއްވާށޭ]،" މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް