ސަރުކާރު ކަމަކުނުދޭ، މަގާމާއި މުސާރަ ކަމުދޭ؟

ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާ މިނިސްޓަރު ކަމުގައި ތިއްބެވި، ޒަހާ ވަހީދާއި ޔުމްނާ މައުމޫންގެ އިތުރުން އައިޝަތު ނަހުލާ އާއި ޑރ. ހުސައިން ރަޝީދުގެ އިތުރުން، ޑރ. އިބްރާހީމް ހަސަން--- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ތިމާއަށް އެ މީހަކު ކަމުނުދާނަމަ، އަދި އެ މީހެއްގެ ބަދަލުގައި އެހެން މީހަކު ބޭނުންވާނަމަ ދެން ކަން ކުރަން ޖެހޭ ގޮތް ވަރަށް ސާފެވެ. މިކަމުގައި މާބޮޑު ލަފައެއް ބޭނުމެއް ވެސް ނުވެއެވެ. ހިތްހަމަ ނުޖެހޭ މީހާއާ ދުރުވެލާފައި ހިތް އެދޭ މީހާއާ ގާތް ވެލީމައި އެކަން އެ ނިމުނީއެވެ. ނަމަވެސް ހީވާގޮތުން މިކަން ނުދަންނަ ބޭފުޅުން މިއަދުގެ ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ އިސް މަގާމުތަކުގައި އެބަތިއްބެވެ.

ކެބިނެޓަކީ ކޮންމެ ސަރުކާރެއްގެ ވެސް މައިބަދައެވެ. މިނިސްޓަރުންގެ ގޮތުގަޔާއި ސިޔާސީ މަގާމުތަކުގައި ތިބެންވާނީ އޭރެއްގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒު ކުރަން އެއްބާރުލުން ދޭ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ރައީސަށާއި ސަރުކާރަށް ވަފާތެރި ބަޔަކަށް ވާންޖެހެއެވެ. ދެ އޮޑިއަށް ދެފައި ލައިގެން އެކަމެއް ނުވާނެއެވެ. ނަމަވެސް އެގޮތަށް ވަޒީރުންނާއި ސިޔާސީ އިސް މަގާމުތަކުގައި މި ސަރުކާރުގައި އެތައް ބޭފުޅުންނެއް އެބަތިއްބެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާގައި މިނިސްޓަރު ނަހުލާ، ފިރިކަލުންނާއެކު --- ފޮޓޯ: ޖޭޕީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ހަތަރު ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިތުރުން އަދާލަތު ޕާޓީ އާއި އެމްއާރުއެމްއެވެ. ސަރުކާރުގެ މަގާމުތައް، ފޮތިފޮތިކޮށް ބަހާލީ އެ ޕާޓީތަކުގެ މެދުގައެވެ. އެ ކޯލިޝަން ރޫޅުނުކަން އަދިވެސް ރަސްމީކޮށް އިއުލާން ކޮށްފައި ނުވާއިރު ރައީސް ޞާލިޙަކީ ރާއްޖޭގެ މި ފަހުގެ ތާރީހުގައި ކޯލިޝަނެއް ގޮވައިގެން މިހާ ދުވަހު ވެރިކަން ކުރެއްވި ހަމައެކަނި ބޭފުޅާއެވެ. އެކަން އެ މަނިކުފާން ކުރެއްވީ ލައްކަ ކަންކަމަށް ދޫދެއްވައިގެންނެވެ.

ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އެކަމަށް ސަރުކާރު ކޯލިޝަންގެ ތެރެއިން ތާއީދު ކުރީ އަދާލަތު ޕާޓީއިންނެވެ. އަނެއް ދެ ޕާޓީ ކަމަށްވާ ޖޭޕީ އާއި އެމްއާރުއެމްއިން ނިންމީ ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާށެވެ. މިސަރުކާރަށް ފާޑު ވިދާޅުވެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ބޭފުޅުންގެ ފަހަތްޕުޅުގައި މިސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފާޅާއި ސިއްރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރޭގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނެއެވެ. އެ ދެ ބޭފުޅުންނަށް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ނުފެންނާތީ ގެންދަވަނީ ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުމަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. އޭގެ އިތުރުން ޖޭޕީގެ ސްލޮޓްތަކުގައި ސްޓޭޓް މިނިސްޓަރުންނާއި އެފަދަ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންތަކެއް ވެސް ރައީސް ޞާލިޙް ކަމު ނުދާތީ ސަރުކާރާ ދެކޮޅަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ މަގާމުތަކުގައި ތިއްބަވައިގެން މުސާރަ ބަރާބަރަށް ނަންގަވައެވެ.

ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޖަވާބުދެއްވަނީ --- ފޮޓޯ/ މަޖިލިސް

ހެރިޓޭޖް މިނިސްޓަރަކަށް ހުންނެވި އެމްއާރުއެމްގެ ޔުމްނާ މައުމޫން، ސިޔާސީ ކަންކަމުގައި މި ދުވަސްކޮޅު ފެންނަނީ ވަރަށް މަޑުންހުންނަވާތަނެވެ. ކޮއްކޯފުޅު ފާރިސް މައުމޫން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާއިރު ފާޅުގައި އެކަމަށް ތާއީދެއް ނުކުރައްވައެވެ. ހަމައެހެންމެ ފާޅުގައި ރައީސް ޞާލިޙަކަށް ވެސް ތާއީދެއް ނުކުރައެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އިބްރާހީމް ހަސަން ވެސް ހަމައެގޮތެވެ. ނަމަވެސް އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު ގެންދަވަނީ ފާޅުގައި ފާރިސްއަށް ކެމްޕެއިން ކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއިން ރައީސް ޞާލިޙަށް ތާއީދު ނުކުރަން ނިންމުމާއެކު އެ ދެ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ އެ ޕާޓީތަކުން ވަކިވެފައެވެ. އެއަށް ފަހު ސަރުކާރަށް ތާއީދު ކުރަން ނިންމިކަން ހާމަކުރިއެވެ.

މަގާމުން ވަކި ނުކުރަނީ ކީއްވެ؟

ރައީސް ޞާލިޙް ފާހަގަ ކުރެވެނީ ކަންކަމުގައި ވަރަށް ބޮޑަށް ދޫދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. މިސަރުކާރުން ކެބިނެޓް އެކުލަވާލި ދުވަހު ވެސް އެކަން ފާހަގަވިއެވެ. ރައީސް ހުވާ ކުރެއްވި ދުވަހު ވެސް އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ އެއްކަމަކީ ގާސިމްގެ އަނބިކަނބަލުން އައިޝާއަށް ވަޒީރުކަން ދެއްވުމެވެ. މީގެ ކުރިން ރާއްޖޭގެ ސަރުކާރުތަކުގައި ވަޒީރުންނަށް ތިއްބަވަނީ މަތީ ތައުލީމް ހާސިލް ކުރައްވައި، މަސައްކަތުގެ ގިނަ ދާއިރާތަކަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް އައިޝާއަކީ އެފަދަ ތައުލީމެއް ވެސް އަދި ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ގުރައިދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ކެމްޕޭން ޓީމް

ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާއިރު ވެސް ކަންތައް ވަނީ އެގޮތަށެވެ. މީގެ ކުރީ ސަރުކާރުތަކަށް ބަލާއިރު އޭރެއްގެ ވެރިއަކު ހިތްހަމަ ނުޖެހޭނަމަ ވަގުތުން އެ ބޭފުޅަކު މަގާމުން ވަކި ކުރެއެވެ. ނަމަވެސް މިސަރުކާރުގައި އެ ބޭފުޅަކު މަގާމުން ވަކި ކުރަނީ އެގޮތަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ. އެމްޑީޕީ ދެބައިވެ، ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔައެވެ.

"އަޅުގަނޑުމެން ކިތަންމެ ފަހަރަކު ރައީސަށް ދެންނެވިން ފިޔަވަޅު އަޅުއްވަން. އަޅުގަނޑު ދެންނެވިން ރައީސް ތި ފުރުސަތު ދެއްވަނީ ސަރުކާރުން މުސާރަ ދީގެން ރައީސާ ދެކޮޅަށް މަސައްކަތް ކުރުވާށޭ. ދެން ރައީސް ވިދާޅުވަނީ އެ ބޭފުޅުންނަށް އަދި ވިސްނޭނޭ ރަނގަޅު ގޮތް. އެހެން ވިދާޅުވެ ރަނގަޅު ވާނެ ކަމަށް ފުރުސަތު ދެއްވަނީ،"

ސިޔާސީ މަގާމުތަކުގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާއިރު ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ރައީސްގެ އަރިސްބޭފުޅަކާ ސުވާލު ކުރުމުން ދެއްވި ޖަވާބަކީ އެއީއެވެ.

މި ސުވާލު ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދާ ކުރުމުން އަދި ޖަވާބެއް ނުދެއްވައެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެވޭނީ ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ތާއީދުކުރާ ބޭފުޅުންނަށް އެކަނި ކަމަށާއި ނޫން ނަމަ ސިޔާސީ މަގާމުތަކުން ވަކިކުރާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ވާތަނެއް ނުފެއެވެ.

މަގާމު ގެއްލުމާއެކު ސަރުކާރު ގޯސްވޭ!

ދާދި ފަހަކާ ޖެހެންދެން ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަންތައްތައް ވެގެންދިޔަ ގޮތް މިހާރު އެއްވެސް ގޮތަކަށް ކަމަކު ނުދެއެވެ. އެކަން އެންމެ ބޮޑީ ރައީސް ނަޝީދުގެ، ދަ ޑިމޮކްރެޓްސް ބޭފުޅުންގެ ތެރޭގައެވެ. އެ ބޭފުޅުންގެ ނަޒަރުގައި މިސަރުކާރަށް ކުރެވުނު ހަމަ އެއްކަމެއް ވެސް ނެތެވެ. އެކަމަކު މިއޮށްހައި ދުވަހު އެބޭފުޅުން ތިއްބެވީ ދައުލަތުގެ އިސް މަގާމުތަކުގައި ބޮޑު މުސާރައާއެކުއެވެ. އޭރު އެ ވާހަކައެއް ނުދައްކަވައެވެ.

އޭގެ މިސާލަކަށް ބަލާއިރު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުގެ ވާހަކަތައް ފާހަގަކޮށްލެވެއެވެ. މިފަހުން އެބޭފުޅާ ވަކި ކުރަންދެން ހުންނެވީ މަގާމުގައެވެ. އެސްޓީއޯއަކީ ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވުމާއެކު ނޫސްތަކަށް އެންމެ ގިނައިން ސްޕޮންސާތައް ދެނީ އެސްޓީއޯއިންނެވެ. އެއީ ވަރަށް ކުރީއްސުރެއް އެކަން އޮންނަ ގޮތެވެ. އަމްރުގެ މެނޭޖިން ޑިރެކްޓަރުކަމުގައި ވެސް އެކަން ކުރެއްވީ އެގޮތަށެވެ. ނަމަވެސް މިއަދު އެބޭފުޅާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާޅުގައި ކޯފާއިސްކުރައްވައި ވިދާޅުވަނީ ސުޕޮންސާގެ ގޮތުގައި ސަރުކާރުން ނޫސްތަކަށް ފައިސާ ދީގެން ކޮންޓްރޯލް ކުރާ ކަމަށެވެ.

ނަމަވެސް ސުވާލަކީ މިވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެހާ ބޮޑު ކަމެއް، އިސްވެ ހުންނަވައިގެން ކުރެއްވިއިރު ނޭނގި ހަމަ ކުއްލިއަކަށް މަގާމު ގެއްލުމާއެކު އެކަން ވިސްނުނީތޯއެވެ؟

މަގާމު ގެއްލޭ ފަރާތްތަކުގެ ފަރާތުން މިފަދަ އެތައް ކަމެއް ފާހަގަ ކުރެވެއެވެ. މަގާމުތަކުގައި ތިއްބެވިއިރު ގަވާއިދުން އޮފީހަށް ވަޑައިގެން، މަސައްކަތްތަކެއް ނުކުރެއްވިޔަސް އޭރު ސަރުކާރު ރަނގަޅެވެ. އެކަމަކު މަގާމު ގެއްލޭ ހިސާބުން މުޅި ސަރުކާރު ގޯސްވެއެވެ.

މީހަކު ވިއްޔާ ގޮތެއް ހުންނަން ވާނެއެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވަން ވާނީ އަދި އެކަން ވަރަށް ރަނގަޅަށް ދަންނަ މީހުންނެވެ. ތިމާއަށް އެކަނި ވިސްނައިގެން ކަންކަން ކުރާކަށް ނުވާނެއެވެ. އަމިއްލަ އެދުމަށް ވުރެން ރަނގަޅު އުސޫލު އިސްކުރަން ވާނެއެވެ. ވެރިއަކަށް ހުންނަ ބޭފުޅާއާއި އެބޭފުޅާގެ ސިޔާސަތުތައް ކަމު ނުދާނަމަ އަދި ބަދަލުގައި އެހެން ބޭފުޅަކު ބޭނުންވާނަމަ އެ ވެރިއަކު ދެއްވާފައި ހުރި މަގާމެއްގައި ހުންނަވައިގެން، މުސާރަ ނެންގެވުމަކީ ހަގީގަތުގައި ވެސް ލަދުވެތި ކަމެކެވެ. މިހާރު މިފެންނަނީ ސަރުކާރު ކަމުނުގޮސް މަގާމާއި މުސާރަ ކަމުދާ މަންޒަރެވެ.

comment ކޮމެންޓް