ކުޑަކުޑަ ލަންދުއަށް ރައީސްގެ ވައުދުތަކުގެ ދިގު ލިސްޓެއް!

ރައީސް ނ. ލަންދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ނ. ލަންދުއިން، މުޙައްމަދު ނާއިލް ޙަފީޒް

މީގެ ކުރިން ބާކީވެފައި އޮތް ނަމަވެސް މި ދައުރުގެ ތަރައްގީގައި ނ. ލަންދޫ ޝާމިލުކުރައްވައިފައިވާކަމަށް ވިދާޅުވެ، ދެވަނަ ދައުރެއްގައި މި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފިއެވެ.

ހަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލަންދޫފަދަ ކުޑަ އާބާދީގެ ރަށްތައް މީގެ ކުރިން އޮތީ ބާކީވެފައިކަމަށެވެ.

ދެހާސް އަށާރަ ވަނަ އަަހަރު ވެރިކަން ފެއްޓެވިއިރު ތަންފީޒުކުރައްވަން މަސައްކަތްޕުޅު ފެއްޓެވި ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކު މި ފަދަ ބާކީވެފައި އޮތް ރަށްރަށް އަލުން ބައިވެރިކޮށް ތަރައްގީ ގެނައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ލަންދޫއަށް ކޮށްދެއްވާނެ ކަންކަން:

  • ބޮޑެތި މަގުތައް ޒަމާނީކޮށް ތާރު އެޅުން
  • ގޮނޑުދޮށް ހިމާޔަތްކުރުން
  • ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން
  • ކޮމިއުނިޓީ ސެންޓަރަކާއި އިންޑޯ ޖިމެއް ގާއިމްކުރުން
  • ފުޓްސަލް ދަނޑު އަޕްގްރޭޑްކުރުން
  • ކުނި މެނޭޖުކުރާނެ ޒަމާނީ ނިޒާމެެއް ގާއިމްކުރުން
  • މަސްމާރުކޭޓަކާއި ކުޑަކުދިންގެ ޕާކު ތަރައްގީކުރުން

ރައީސް ވިދާޅުވީ ކުރިއަށް އޮތީ މި ކަންކަމާމެދު ގޮތް ނިންމަން ރައްޔިތުންނަށް ލިބޭ ދުވަސްކަމަށެވެ.

ބައެއް ކެންޑިޑޭޓުންގެ ނަޒަރުގައި ކުދި ރަށްތައް މުހިންމު ނުވި ނަމަވެސް މި ސަރުކާރަށް އެ ރަށްރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއީ ބޮޑެތި ރަށްތައް ބާކީވާނެ ސަބަބެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނ. ލަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"ކޮންމެ ރައްޔިތަކު ބޭނުންވާ ޚިދުމަތްތައް އެ ރައްޔިތަކު ހުރި ތަނަކުން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.

ރޭ އާންމުކުރި ޒުވާނުންގެ ސިޔާސަތަށް އަލި އަޅުއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަކީ މުސްތަގުބަލުގައި ގައުމު ހިންގާނެ މީހުންކަމަށް ގަބޫލުކުރާކަމުގައިވަނީ ނަމަ މިއަދު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭކަމަށެވެ.

"ޒުވާނުންނަކީ މާދަމާގެ ވެރިންކަމަށް ގަބޫލުކުރާކަމުގައި ވަންޏާ ޒުވާނުންނަށް ބަސް ބުނަން ފުރުސަތު ދޭންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރަންވާނެ ކަމަށާއި މި ދައުރުގައި ވެސް ޒުވާނުންނަށް އެ ފަދަ ފުރުސަތުތައް ތަނަވަސްވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ދާއިރާއަކުން ވެސް ޒުވާނުންނަށް ފަހި ފުރުސަތުތަަކާއި ބޭނުންވާ ވަސީލަތްތައް މި ދައުރުގައި ގާއިމް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުޅިވަރުގެ ދާއިރާ ނުވަަތަ މުނިފޫހި ފިލުވުންކަމުގައިވީ ނަމަވެސް ކަމަށް ރައީސް ވިދާޅުވިއެވެ

"ނަތީޖާއަކަށް ވެގެން ދިޔައީ މިއިން ޒަމާނަކު ރާއްޖޭގެ ކުޅުންތެރިން ނުހޯދާފަދަ މަތީ ވަނަތައް ބައިނަލްއަގްވާމީ މުބާރާތްތަކާއި ސަރަަހައްދީ މުބާރާތްތަކުން ހޯދައިގެން އަޅުގަނޑުމެން ފަޚުރުވެރިވާ ފަދަ ޒުވާނުންތަަކަކަށް ވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް