ފައިނުގައި އެއާޕޯޓެއް އަޅައިދޭން ނާޒިމް ވައުދުވެވަޑައިގެންފި

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް--- ފޮޓޯ/ އެމްއެންޕީ

އެންއެންޕީގެ ވެރިކަމެއްގައި ރ. ފައިނުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވައުދުވެވަޑައިގެންފިއެވެ.

މިރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމް ވިދާޅުވީ ފައިނުގެ އެއާޕޯޓަކީ އެ ސަރަހައްދަށް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށެވެ. އަދި, އެ ކަން އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފައިނުގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ނިންމެވިއެވެ. ނާޒިމަކީ އޭރުގެ ވަޒީރެކެވެ. ނަމަވެސް އެއާޕޯޓާ ދެކޮޅަށް އިހުތިޖާޖުކުރުމާ ގުޅިގެން އެ އެއާޕޯޓް ނާޅަން ނިންމީއެވެ.

ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ދުވާފަރު ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ފެނިއްޖެ ކަމަށާއި މިއީ ދުވާފަރުގެ އާބާދީއަށް ހައްގު މިންވަރު ނޫން ކަމަށެވެ.

ސުނާމީގައި ލިބުނު ގެ ތަކުގައި ވަރަށް ހާލުގައި އެ ރަށުގެ ރައްޔިތުން އެބަ އުޅޭ ކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ދުވާފަރުގެ ހިއްކި ބިމުން ގޯއްޗެއް ނުދެވުނުކަމަށާއި އެ ކަމުގެ ޒިންމާ ސަރުކާރާއި ކައުންސިލުން ނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިއަދު ދުވާފަރު ރައްޔިތުންނަށް އެ އުފަލެއް ނެތް. ދުވާފަރު ރައްޔިތުން އެބަ ޖެހޭ މި ސަރުކާރަށް ނޫނެކޭ ބުނެ ބަދަލުކުރަން،" ނާޒިމް ވިދާޅުވިއެވެ.

ރ. އަތޮޅަކީ ވަޑާމުގެ ކަންކަން ފުޅާ ދާއިރާއެއްްގައި ކުރާ އަތޮޅެއްކަން ފާހަގަކުރައްވާ، އެ އަތޮޅު ވަންދޫގައި ބޯޓުބަނުމަށާއި ކިއްސަރުވަޑާމަށް ހާއްސަ ސަރަހައްދެއް ހާއްސަކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ ސަރަހައްދަށް އިންވެސްޓްމަންޓް ބޭންކެއް ވެސް ތައާރަފްކުރައްވާނެކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ ބޭންކު ހާއްސަވާނީ އެ ސަރަހައްދަށް އިންވެސްޓްކުރާ މީހުންނާއި މަސްވެރިންނަށެވެ.

"އެ ބޭންކުން އިރާދަކުރެވިއްޔާ ދޯނި ފަހަރު ބަނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔާފަރި ކުރުމަށާއި މި ރަށު މީހުން ބޭނުންވާ ޒަރޫރީ ކަންކަމަށް ލޯނު އެ ބޭންކް މެދުވެރިކޮަށް ހަމަޖެހިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.

ދުވާފަރުގައި ކޮލެޖު ފެންވަރަށް ތައުލީމް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށާއި އެ ސަރަަހައްދުގައި ދަނޑުވެރިކަން ކުރަން ހާއްސަ ރަށެއް ހަަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތައުލީމް ހޯދުމަށް ޓަކައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ޕްރައިމަރީ ސްކޫލުން ފަށައިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހަދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭން ބޭރަށް ފުރުސަތު ލިބިގެން ލޯނު ނަގައިގެންދާ ކުދިން އެނބުރި މާލެ އައިސް ކޮންމެތަނަކަށް ޚިދުމަތް ކުރިޔަސް އެ ލޯން މާފުކޮށްދޭނެ ވާހަކަ ތިޔަ ބޭފުޅުންނަށް ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ވަޒީފާގައި ނޫޅުނު ކަމުގައި ވިޔަސް، އެންމެންނަށް ވެސް ރަމަޟާން މަހުގެ އިނާޔަތް، 3000 ރުފިޔާ ދޭނެ ކަމަށެވެ.

ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ސޮވެރިން ގެރެންޓީ ދިނުމަށް ވެސް ނާޒިމް މިރޭ ވަނީ ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ގެދޮރުހަދަން ބޭނުންވާ މީހުންނަށް ސަރުކާރުން ދޭނަމޭ ސޮވެރިން ގެރެންޓީ. އެ 30 ޕަސެންޓް ދައްކާކަށް ނުޖެހޭނޭ. ގޯތި ހިފައިގެން ދިޔައީމާ އިސްލާމީ އުސޫލުގެ ތެރެއިން ތިއިން ކޮންމެ ބޭފުޅަކަށް ވެސް ގޯތިހެދުމަށް ލޯނުދޭނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް