ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު ޑރ. ވަހީދު، ގާސިމް އަރިހަށް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ އެކު -- ފޮޓޯ/ ޖޭޕީ

މި ފަހުން އިދިކޮޅު ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، މިރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަން އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރުމަކީ ހިޔާނާތެއް ކަމަށް ވިދާޅުވެ، ވަހީދު އެ ޕާޓީން ވަކިވެފައިވަނީ އިއްޔެއެވެ. އެ މަނިކުފާނު މީގެ ކުރިން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް މިރޭ ވިދާޅުވީ ‏މިރޭގެ ވަގުތެއްގައި ވަހީދު މާމިގިއްޔަށް ވަޑައިގަންނަވާފައިވާ ކަމަށާއި އެ ރަށު އެއާޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ޖޭޕީގެ ލީދަރު ގާސިމް ކަމަށެވެ. ވަހީދާ އެކު ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވެސް ވަޑައިގެންނެވިއެވެ. އެކަމަކު، އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން، ގާސިމް ވަނީ ވަހީދު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން ވެސް އެ މަނިކުފާނާ ބައްދަލުކުރައްވައިފައެވެ.

މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ ދަރިކަލުން ގާސިމް އަރިހުގައި -- ފޮޓޯ/ ޖޭޕީ

އެ ދުވަހުގެ ބައްދަލުކުރެއްވުމަށް ފަހުގައި ގާސިމް "ސަން"އަށް ވިދާޅުވީ، ވަހީދާ ބައްދަލުކުރެއްވުމަށް ފަހު ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ އެ މަނިކުފާނު ކަމަށް އެ ދުވަހު ގާސިމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު، އެ މަނިކުފާނު ވަނީ އިންތިޚާބު ބޮއިކޮޓު ކުރަން ތަކުރާރުކޮށް އެ ޕާޓީއަށް އަންގަވައިފައެވެ. އެކަމަކު، އެ ޕާޓީގެ ސެނެޓުން ނިންމީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، އިންތިޚާބުގައި ކުރިއަށް ދާށެވެ.

މުއިއްޒަށް ތާއީދުކުރަން ޕީޕީއެމުން ނިންމި ނަމަވެސް، ވަހީދު ވަނީ މުއިއްޒަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، ފަހުން ވަނީ ޕާޓީން ވަކިވެވަޑައިގަންނަވައިފައެވެ.

https://sun.mv/180521

ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު ވަހީދު ވިދާޅުވެފައިވަނީ 10 އަހަރު ކުރިން އެ ޕާޓީއާ ގުޅުނީ އެމަނިކުފާނުގެ ސަރުކާރުގައި ގާއިމުކުރި ހަމަޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ކަންކަމުގެ ނަތީޖާ މިއަދު ފެންނާތީ އުފާކުރައްވާ ކަމަށެވެ.

ޑރ. ވަހީދަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ޚާރިޖީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ދަރަޖައަށް ތައުލީމް ހާސިލް ކުރެއްވި ބޭފުޅަކީ ވެސް އެއީއެވެ.

2008 ވަނަ އަހަރުގެ އިންތިހާބުގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައެވެ. އޭރު އެ މަނިކުފާނު، ހުންނެވީ ގައުމީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެންނެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ، ނަޝީދު 2012 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވާދަކުރެއްވި ނަމަވެސް، ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގަތެވެ. ފަހުން، ކޯޓުން އެ އިންތިޚާބު ބާތިލުކޮށް، އަލުން ވޯޓުލީ އިރު، އެ މަނިކުފާނު ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

comment ކޮމެންޓް