އާ ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ އަގު %50 ހެޔޮވާނެ: ފައްޔާޒު

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސްއާ އެކު ދިރާގާއި އުރީދޫން ބޭރުން ހޯދާ އިންޓަނެޓްގެ އަގު 50 އިންސައްތަ ކުޑަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅާފައި ވަނީ މިއަދު ހަވީރެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރުން އުޅެނީ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަދު ދިވެހި ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ބޭފުޅުން މިހާރު ދިވެހި ރާއްޖެއިން ބޭރުން ބޮޑު އަގުގަ އެ ގަންނަ ގަތުން ހުއްޓުމަކަށް ގެނެސް، އެ ބޭފުޅުން އާންމު ރައްޔިތުންނަށް އެދޭ އަގު ބޮޑުތަނުން ދަށް ކުރުމާއި ކުއަލިޓީ އިތުރު ކުރުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، މިއަދާ ހަމައަށް ރާއްޖެއަށް އިންޓަނެޓް ލިބެނީ ލަންކާ ނުވަތަ އިންޑިއާގެ ކޭބަލެއް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެކި ދާއިރާތަކަށް ޒަމާނީ ކުރިއެރުންތަކެއް ލިބޭނެއެވެ. އެގޮތުން ސަރުކާރުގެ އިދާރާތައް ހަލުވި ސްޕީޑުގައި، މިހާރަށް ވުރެ އެތައް ގުނައެއް އަގުހެޔޮކޮށް ގުޅާލައި، ގަވް.އެމްވީގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނިން ވެސް އަންނަނީ އާ ސަބްމެރިން ކޭބަލްތަކެއް ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އުރިދޫއިން "ޕީސް" ކޭބަލްގެ ކަނެކްޝަނެއް ކުޅުދުއްފުއްޓާ ގުޅާލުމަށް ކުރާ މަސައްކަތް މިއަހަރުތެރޭ ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ދިރާގުން އަންނަނީ، ސީމީވީ6 ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ ކޭބަލަކީ ވެސް، ޔޫރަޕާއި، ސިންގަޕޫރާ ދެމެދު އަޅަމުންދާ ކޭބަލްތަކެވެ.

comment ކޮމެންޓް