ނެޓުގެ އަގު ހެޔޮކޮށް، ސްޕީޑު ދެގުނަ ކުރުމުގެ އަަމާޒުގައި ސަރުކާރުގެ ކޭބަލް ގުޅާލައިފި

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅާލައިފިއެވެ.

އެ ކޭބަލް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހެވެ. އެ މަނިކުފާނުގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން އެ މަޝްރޫއު އިފްތިތާހު ކުރުމުގައި ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކޭބަލުގެ ޚިދުމަތް ފެށުމުން، މިހާރު އިންޑިއާ ނޫނީ ލަންކާއިން ރާއްޖޭގެ ސާވިސް ޕްރޮވަައިޑަރުން ހޯދާ އިންޓަނެޓް ދެބައިކުޅައެއްބައި އަގުގައި ލިބޭނެ ކަމަށެވެ. އަދި، އެއާ އެކު، ސްޕީޑު ދެގުނަވާނެ ކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ކޭބަލާ އެކު، ގާތްގަނޑަކަށް 50 ޕަސެންޓު މިހާރު ދިރާގު، އުރީދޫއިން އިންޓަނެޓު ގަތުމަށް ލިބޭ އަގުން ހެޔޮވާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންޓަނެޓު ފަދަ އަސާސީ ޚިދުމަތެއްގެ މިނިވަންކަން ސަރުކާރަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެއީ ގައުމުގެ ސަލާމަތާއި، އަދި އިގްތިސާދީ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ.

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް ބޭނުންވާ ކުރިއެރުމަށް ބޭނުންވާ ގާނޫނުތައް ޓެކްނޮލޮޖީ މިނިސްޓްރީން ތައްޔާރުކުރަމުންދާ ކަމަށެވެ. އަދި އޯޝަން ކަނެކްޓުން ދެން ކުރަން އޮތް މަސައްކަތަކީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި، ރަށްތައް ވެސް ސަރުކާރުގެ ކޭބަލަކުން ގުޅާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުނި، އޯޝަން ކަނެކްޓުން ކުރި އެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ރިލަޔަންސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމަކާއެކުގައެވެ.

އެ ކޭބަލް ގުޅާލާފައިވަނީ ރިލަޔަންސް ކުންފުނީގެ އިންޑިއާ އޭޝިއާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލާއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެކި ދާއިރާތަކަށް ޒަމާނީ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތައް ހަލުވި ސްޕީޑުގައި، މިހާރަށް ވުރެ އެތައް ގުނައެއް އަގުހެޔޮކޮށް ގުޅާލައި، ގަވް.އެމްވީގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނިން ވެސް އަންނަނީ އާ ސަބްމެރިން ކޭބަލްތަކެއް ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އުރިދޫއިން "ޕީސް" ކޭބަލްގެ ކަނެކްޝަނެއް ކުޅުދުއްފުއްޓާ ގުޅާލުމަށް ކުރާ މަސައްކަތް މިއަހަރުތެރޭ ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ދިރާގުން އަންނަނީ، ސީމީވީ6 ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ ކޭބަލަކީ ވެސް، ޔޫރަޕާއި، ސިންގަޕޫރާ ދެމެދު އަޅަމުންދާ ކޭބަލްތަކެވެ.

comment ކޮމެންޓް