ޑރ. ވަހީދު ޕީޕީއެމްއިން ވަކިވެވަޑައިގެންފި

ޑރ، ވަހީދު ޕީޕީއެމް ޖަލްސާއެއްގައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.

ޕީޕީއެމުން ވަކިވެ ވަޑައިގަތްކަން އިއުލާނު ކުރެއްވުމަށް ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސްޖެއްގައި ވަޙީދު ވިދާޅުވީ އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުނަރުތަކާއި، ތަޖުރިބާ އާއި، އިލްމު ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ ފަދަ މާހައުލެއްގައި މަސައްކަތް ކުރެއްވުމަށްޓަކައެވެ.

"އަޅުގަނޑު އަބަދުވެސް ޕީޕީއެމްގެ މެންބަރުންނާއި ދިވެހި އެންމެހާ ރައްޔިތުން ހިތާ އެންމެ ކައިރީގައި ބަހައްޓާނަން. އަޅުގަނޑު އަބަދުވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ ކުރިއެރުމާއި، އިސްތިގުލާލާއި، މިނިވަންކަމަށް [މަސައްކަތް ކުރާނަން]" ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 10 އަހަރު ކުރިން އެ ޕާޓީއާ ގުޅުނީ އެމަނިކުފާނުގެ ސަރުކާރުގައި ގާއިމުކުރި ހަމަޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ކަންކަމުގެ ނަތީޖާ މިއަދު ފެންނާތީ އުފާކުރައްވާ ކަމަށެވެ.

އެ ޕާޓީން ވަކިވެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ހުންނެވީ އެ ޕާޓީގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތެެއްގައި އެ ޓިކެޓަށް އެ މަނިކުފާނުގެ ޝައުގުވެރިކަން އެބަހުރިކަން އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން ހާމަކުރައްވާފައެވެ. ނަމަވެސް، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އިންތިހާބަށް ނުކުމެ ވަޑައިގަންނަވާފައެވެ.

ޑރ. ވަހީދަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ޚާރިޖީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ދަރަޖައަށް ތައުލީމް ހާސިލް ކުރެއްވި ބޭފުޅަކީވެސް އެއީއެވެ.

2008ވަނަ އަހަރުގެ އިންތިހާބުގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައެވެ. އޭރު އެމަނިކުފާނު، ހުންނެވީ ގައުމީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެންނެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ، ރައީސް ނަޝީދު 2012ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2013ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވި ނަމަވެސް، ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގަތެވެ. ފަހުން، ކޯޓުން އެ އިންތިޚާބު ބާތިލުކޮށް، އަލުން ވޯޓުލީ އިރު، އެމަނިކުފާނު ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ރައީސް ވަހީދާއެކު، އެމަނިކުފާނުގެ ދަރިކަލުން، ޖެފްރީ ސާލިމް ވަހީދު ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަންފައެވެ. އޭނާ އަކީ ވެސް ޚާރިޖީ ދާއިރާގައި ޚިދުމަތްތައް ފާހަގަކުރެވޭ ބޭފުޅެކެވެ.

comment ކޮމެންޓް