ސްކައުޓް ޖަމްބޮރީގައި ބައިވިރެވި ހުރިހާ ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ސައުތު ކޮރެއާގެ ސޭމަންގަމް ސަރަހައްދުގައި ސްކައުޓުން ކޭމްޕް ކޮށްފަ

މިއަހަރު ސައުތު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25ވަނަ ސްކައުޓް ޖަމްބޮރީގައި ބައިވެރިވި 423 ދިވެހިން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހު ސައުތު ކޮރެއާގެ ސޭމަންގަމް ސަރަހައްދުގައި ފެށި މި ޖަމްބޮރީ އެހެން ތަނަކަށް ބަދަލުކުރަން ޖެހުނީ އެތަނަށް އައި މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ޖަމްބޮރީގެ ފުރަތަމަ ރޭ އެ ސަރަހައްދަށް ހީޓް ވޭވްއެއް އައިސް ދިވެހިންނަށް ވެސް އެކަމުގެ އުނދަގޫތައް ތަހައްމަލް ކުރަން ޖެހުނެވެ.

އެއަށްފަހު، މިދިޔަ ހޯމަ ދުވަހު އެ ސަރަހައްދަށް އައި ތޫފަނަކާ ގުޅިގެން އެއީ ކޭމްޕް ކުރިއަށް ގެންދަން ރައްކާތެރި ސަރަހައްދެއް ނޫންކަމަށް ސައުތު ކޮރެއާ ސަރުކާރުން ނިންމިއެވެ. އެއާއެކު ޖަމްބޮރީގެ ބައިވެރިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ނިންމިއެވެ.

ރާއްޖޭގެ ބައިވެރިންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ކޮންޓިންޖެންޓުގެ ތެރެއިން 170 ބައިވެރިން މިވަގުތު ތިބީ އެލްޖީގެ އިލެކްޓްރޯނިކް ޕްޔޮންގްޓޭކް ލާނިން ސެންޓަރުގައި ކަމަށެވެ.

އަދި ބާކީ ތިބި 253 ބައިވެރިން ތިބީ ސެމްސަންގް ފަޔާ އެންޑް މެރިން ގޮޔާންގް ޓްރެއިނިންގެ ސެންޓަރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖަމްބޮރީގެ ބައިވެރިން އެހެން ސަރަހައްދަކަށް ބަދަލު ކުރި ނަމަވެސް ޖަމްބޮރީގެ ހަރަކާތްތަކަށް މެދުކެނޑުމެއް ނާންނާނެއެވެ. މިނިސްޓްރީން ބުނީ، އެމީހުންގެ ހާލު ގާތުން ބަލަމުން ދާކަމަށެވެ.

ވޯލްޑް ސްކައުޓް ޖަމްބޮރީއަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ހަރަކާތެކެވެ. މިއަހަރުގެ ޖަމްބޮރީ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.

މިއަހަރުގެ ޖަމްބޮރީގައި 150 އަށް ވުރެ ގިނަ ގައުމުން 43,000 އެއްހާ ދަރިވަރުން ބައިވެރި ވިއެވެ. މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނެވެ.

comment ކޮމެންޓް