ޓީއެފްޖީ އިތުރު ހަރުފަތަކަށް، ކުޑަކުދިންނަށް ވެސް ޖިމަށް ގޮސް ކަސްރަތުކުރުމުގެ ފުރުސަތު!

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބޮޑެތި އުމުރުފުރާގެ މީހުން ކަސްރަތުކުރުމަށް ތަފާތު އެކި ޓްރެއިނިންތަކާއި ޓްރެއިނަރުންނާއެކު ޖިމްތައް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ކުޑަކުދިންނަށް ޚާއްސަ ޖިމެއް ނެތުމާއެކު އެއީ ގިނަ ބެލެނިވެރިން އެކަމަކަށްޓަކައި އިންތިޒާރުކުރަމުން އައި ކަމެކެވެ. ނަމަވެސް މިހާރު މިވަނީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން ވަނީ އިތުރު ހަރުފަތަކަށް ޖެހިލައި، ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރާ ކުޑަކުދިންގެ ޖިމެއް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.

ކިޑްސް ޖިމް (ކޭޖީ)ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު ޓީއެފްޖީން ހުޅުވާ ޖިމަކީ، ކުޑަކުދިންނާ އެކަށޭނެ ގޮތަށް ފިޒިކަލް އެޑިއުކެޝަން ޓީޗަރުންނާއެކު ޚާއްޞަ ތަމްރީނުތައް ހިންގާނެ ޖިމެކެވެ.

އެސްއެސްޓީވީގެ "އަދާހަމަ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، 2010 ވަނަ އަހަރު ޓީއެފްޖީ އެންމެ ފުރަތަމަ ވުޖޫދަށް އައި އިރު ބޮޑަށް މަސައްކަތް ކުރީ ބޮޑެތި މީހުންނާ އެކު ކަމަށެވެ. އެހެންނަމަވެސް 13 އަހަރުގެ ދިގު ތަޖުރިބާއަށް ފަހު އެންމެ ބޭނުންވަނީ އެންމެ ތުއްތު އުމުރުފުރާގެ ކުދިންއިން ފެށިގެން އެކި ގްރޭޑްތަކުގެ ކުދިން ތަމްރީނު ކުރެވޭނެ ފަދަ ޚާއްޞަ ޖިމެއް އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތުއްތު ކުދިން ކަސްރަތު ކުރަން ވަރަށް ގިނަ ބެލެނިވެރިންގެ ރިކުއެސްޓް އާދޭ. ޕާސަނަލް ޓްރެއިނަރެއް ބޭނުންވޭ، މިވެނި ގޮތަކަށް ޓްރެއިން ކުރުވަން. ދެން އަޅުގަނޑުމެންވެސް މި ތޭރަ އަހަރު ތެރޭ ވަރަށް މަސައްކަތް ކުރިން ތަފާތު އެކި ގޮތްގޮތަށް ކުޑަކުދިން ތަމްރީނުކުރުމަށް. އެކަމަކު މީގަ އެންމެ ފުނަށް ވިސްނާލާއިރު ބޮޑެތި މީހުން ޓްރެއިން ކުރުމުގެ މާހައުލުގައި ތުއްތު ކުދިން ތަމްރީނުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން." ޒިނާން ވިދާޅުވިއެވެ.

ކޭޖީގައި، ޖޭކޭޖީން ފެށިގެން ގްރޭޑް އަށެއްގައި ކިޔަވާ ކުދިންނަށް ޚާއްސަ ލެވެލްތަކުގެ ތަމްރީނުތައް ހެދެން ހުންނާނެއެވެ. އެގޮތުން ގްރޭޑްތަކަށް ބަހާލައިގެން ފިޒިކަލް އެޑިއުކޭޝަން ޓީޗަރުން ތިބެގެން އާންމުކޮށް ހެލިފެލިވެ އުޅޭ ކަސްރަތުތައް ކުރިއަށް ދާނެއެވެ. މި ތަމްރީނުތައް އޮންނާނީ ވެސް ކްލާސްތައް ނަގައިދޭ ކޮންސެޕްޓަށެވެ.

ކޭޖީން ލިބިދޭ ފިޓްނަސް ސެޝަންތައް ރާވާފައި ހުންނަނީ، ޖޭކެޖީ އުމުރުފުރާއިން ފެށިގެން ގްރޭޑް ހަޔަކާ ހިސާބަށް ކުޑަކުދިންނާ ގުޅޭ ގޮތަށެވެ. ނަމަވެސް ކުއްޖާ ގްރޭޑް ހަތަކަށް ދިޔުމުން ބޮޑެތި މީހުން ކުރާ ކަސްރަތާ ކައިރިކުރާނެ ގޮތަކަށް ކުދިންނަށް ތަމްރީން ދޭނެއެވެ. އެއީ ބޮޑެތި މީހުންގެ ޖިމެއްގެ 'ކުޑަ ވާޝަން'އެއް ގޮތަށް އިންސްޓްރަކްޓަރަކާ އެކު ކުރިއަށްދާ ފަދަ ގޮތަކަށެވެ.

ކްލާސްތައް ރޭވިފައިވާ ގޮތް:

ޖޭކޭޖީ، ގްރޭޑް 1، 3 އަދި 5 ގެ ދަރިވަރުން - ކްލާސްތައް އޮންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު
އެސްކޭޖީ، ގްރޭޑް 2، 4 އަދި 6 ގެ ދަރިވަރުން - ކްލާސްތައް އޮންނާނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު
ގްރޭޑް 7 އަދި 8 ގެ ދަރިވަރުން - ކްލާސްތައް އޮންނާނީ ހަފްތާގެ ކޮންމެ ދުވަހަކަށް ބަހާލައިގެން

ކިޑްސް ޖިމުން ލިބިދޭ ވަސީލަތްތައް

ބޮޑެތި މީހުންގެ ޖިމެކޭ އެއްފަދައިން ޓީއެފްޖީން ހުޅުވާ ކުޑަކުދިންގެ މި ޖިމުން ވެސް އެހެން ޖިމްތަކުން ލިބެން ހުންނަ ވަސީލަތްތައް ލިބެން ހުންނާނެއެވެ. އެގޮތުން ހެދުން ބަދަލުކުރަން އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވަކި ކޮޓަރިތައް ހުންނާނެއެވެ. އަދޖ ފާޚާނާގެ އިތުރުން ލޮކާ ސިސްޓަމެއް ވެސް ހުންނާނެއެވެ.

ކޭޖީ އަކީ 4000 އަކަފޫޓުގެ އިންޑޯ ޓާފު ދަނޑެކެވެ. އެތަން ހަދާފައި ވަނީ ހުޅުވިފަ އޮންނަ ބޮޑު ދަނޑެއްގެ ކޮންސެޕްޓަށެވެ. އެތަނުގައި ކުދިންނަށް ބޯޅަ ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު އެއް ގަޑިއެއްގަ ދެ ކްލާސް ހިންގޭނެއެވެ.

އިމާރާތުގެ ފަސް ވަނަ ބުރީގައި ހިންގާ މި ޖިމުގެ އެންމެ ތިރީގައި ބެލެނިވެރިންނަށް މަޑުކުރެވޭ ގޮތަށް ގޮނޑިތައް ވެސް ޖަހާފައި ހުންނާނެއެވެ.

ޓީއެފްޖީގެ މި ޖިމަކީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ތައްޔާރުކުރެވިފައިވާ ރާއްޖޭގެ ފުރަތަމަ ކިޑްސް ޖިމް ކަމަށް އެތަނުން ބުނެއެވެ.

މި ޖިމުން ލިބޭ ޓްރެއިނިންގެ އިތުރު މައުލޫމާތު ޓީއެފްޖީގެ އިންސްޓަގްރާމް ކިޑްސް ޖިމް ޕޭޖުން ލިބިގެންދާނެއެވެ.

comment ކޮމެންޓް