މަޑަވެލީ ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

މަޑަވެލީ އެމްޑީޕީ ޖަގަހައަށް ގެއްލުން ދީފައި--

ގދ. މަޑަވެލީގެ ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކެމްޕޭން ދަތުރުފުޅުތަކުގައި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ އަންގާރަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މަޑަވެއްޔަށެވެ. ނަމަވެސް އެ ރަށުގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތް ޖަގަހައިގައި އެދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަޔަކު ވަނީ ރޯކޮށްފައެވެ.

އެ ހާދިސާގައި އެ ތަނުގައި ހުރި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައްވެފައިވެއެވެ.

ފުލުހުން މިއަދު "ސަން"އަށް ބުނީ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

"ތަހުގީގު ކުރަމުން ދަނީ އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ," ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ޖަގަހައިގެ ހާލަތު ހުރި ގޮތުގެ ސަބަބުން ރައީސް އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވީ ބަނދަރުމަތީ ހުރި ހޮޅުއައްޓެއްގައެވެ. އެތަނުގައި ހުންނަވައި ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވަނީ އެ އަމަލު ކުށްވެރި ކުރައްވާފައެވެ.

މަޑަވެލީގައި ހިނގާދިޔަ އަމަލަކީ މުޑުދާރު އަމަލެއްކަމުގައި ބުނެ އެރަށު ކައުންސިލްގެ ރައީސް ވެސް ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވައިފައެވެ.

comment ކޮމެންޓް