ދެވަނަ ދައުރުގައި ސަގާފަތާއި ތަރިކައިން ނަފާވެރިކަން ހޯދައިދޭނަން: ރައީސް

ރައީސް ޞާލިހު ރަތަފަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ދައުރުގައި ދިވެހި ސަގާފަތަކީ ވެސް އާމްދަނީ ހޯދޭނެ އެއްޗަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ރަތަފަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ސަގާފަތް ކުރިއަރުވައި ދިވެހިބަހާމެދު ފަޚުރުވެރިވާ ޖީލެއް ބިނާކުރުމަށް ދެވަނަ ދައުރުގައި މަސައްކަތް ކުރައްވާނެކަމަށެވެ.

"އަދި އަންނަން އޮތް ޖީލުތަކަށް ދިވެހި ސަގާފަތާއި ތަރިކަ ފޯރުކޮށްދީ، ސަގާފަތާއި ތަރިކަައިން ނަފާ ހޯދޭނެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކަން ކުރުމަށް ޓަކައި ދިވެހި ބަސް ދަސްކޮށްދިނުމަށް ބޭނުންވާ ޒަމާނީ ކޮންޓެންޓު އުފައްދާނެކަމަށެވެ. އަދި ދިވެހިބަހުގެ ބައިތައް ކިޔަވައިދޭ ގޮތް މުރާޖާކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ކުތުބުޚާނާގެ ޑިޖިޓަލް ލައިބްރެރީީގެ ޚިދުމަތް މުޅި ރާއްޖެއަށް ދެއްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ލިޓެރޭޗާއަށް ޚާއްސަކޮށް މާއްދާއެއް އަޅުގަނޑުމެން ސްކޫލުތަކަށް ތައާރަފްކުރާނަން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ތަރިކަ ދައްކައިދޭ ޓޫރިޒަމް ޕްރޮޑަކްޓުތައް އުފައްދައި މާކެޓްކުރުމަށް މަގުފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާސާރީ ތަކެތި ހިމާޔަތްކުރުމަށް ކޮންޒަވޭޝަން ލެބޯޓްރީއެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އާބާދީ މަދު ރަށްތައް ހުރީ ބާކީކޮށްލެވިފައިކަމަށެވެ. އެއީ މި ފަސް އަހަރުގެ ދައުރުގައި ރަށްތަކުގައި އަސާސީ ޚިދުމަތުގެ ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހުނު ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ އަމަޒަކީ އުފާވެރި އަމާން ރާއްޖެެއެއް ބިނާކުރުންކަމަށެވެ. މި ދައުރުގައި ވެސް އެ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 400 މީހުންނާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން އަންނަ އެ ރަށަށް ވެސް ރައީސް ޞާލިހު ގިނަ ވައުދުތަކެއްވަނީ ވެވަޑައިގެންފައެވެ.

ދެވަނަ ދައުރެއްގައި ރަތަފަންދޫގައި ހިންގާނެ މަޝްރޫއުތައް

  • އެ ރަށާއި ކެރެއްދުއާ ގުޅައިލުން
  • ރަތަފަންދޫ ވަށައިގެން އޮންނަ މަގާއި ބޮޑު ދެ މަގެއްގައި ތާރު އެޅުން
  • ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން
  • އައު ސިއްޙީ މަރުކަޒެއް ގާއިމް ކުރުން
  • މަލްޓި ޕާޕަސް ހޯލެއް އަޅައިދިނުން
  • ޒަމާނީ ފެންވަރުގެ ބަންދަރެއް ތަރައްގީކުރުން
comment ކޮމެންޓް