މާލޭ ޖަލުގައި ތިބި 200 ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްފި

މާލޭ ޖަލު -- ސަން ފައިލް ފޮޓޯ

ދަރުމަވަންތަ ސުކޫލާ އިންވެގެން ހުރި މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، ގައިދީންގެ ތެރެއިން 200 މީހުން އެހެން ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފިއެވެ.

މާލޭ ޖަލު ހުސްކުރަނީ އެތަނާ ޖެހިގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް ކުރުމާ ގުޅިގެންނެވެ. ދިރާސީ އަހަރު ފެށުމުގެ ކުރިން އެ ޖަލު ހުސްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީ އިން މިއަހަރުގެ ކުރީ ކޮޅުން ފެށިގެން އައީ ކުރަމުންނެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތުގެ ދަށުން އެތަނުގައި ތިބި 200 މީހަކު މާފުށީ ޖަލަށާއި ހުޅުމާލޭ ޖަލަށާއި އަދި ހިންމަފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މިވަގުތަށް 200 މީހަކު ވަނީ އެހެން ޖަލުތަކަށް ބަދަލުކުރެވިފަ. 20 ވަރަކަށް މީހުން އެބަތިބި އަދި. އެމީހުން ވެސް އެހެން ޖަލުތަކަށް ވަރަށް އަވަހަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" ސީޕީ ވިދާޅުވިއެވެ.

މީގެ ކުރިން ވަނީ މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އަދި ފަހުން އެ މަސައްކަތް ހުއްޓާލައި މާލޭ ޖަލު ހުޅުމާލެ ބަދަލު ކުރުމަށް ވެސް މަސައްކަތްކުރިއެވެ.

comment ކޮމެންޓް