ވީއެލްޑީ ހަރުނުކުރާ ދޯނިފަހަރުގެ ލައިސަންސް ސަސްޕެންޑް ކުރަނީ

ދިވެހި މަސްވެރިން --

ކަނޑުމަހުގެ މަސްވެރިކަން ކުރާ ދޯނި ފަހަރުގައި ހަރުކުރަންޖެހޭ ވެސެލް ލޮކޭޝަން ޑިވައިސް (ވީއެލްޑީ) ހަރުކޮށްފައިނުވާ ނަމަ، އެ އުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަމުގެ ލައިސަން ސަސްޕެންޑް ކުރާނެކަން ފިޝަރީޒް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ވީއެލްޑީ އަކީ އޮޑިވެރިޔާއަށް ދޯނި އޮތް ސަރަހައްދު ފަސޭހަކަމާ އެކު ދެނެގަނެވޭ، ދޯނިން އެމަޖެންސީ ކޯލް ކުރުމާއި މަސް ބޭނި މިންވަރު މިނިސްޓްރީ އަށް ރިޕޯޓް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން ދޫކުރާ ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރުގެ ހަރަކާތްތައް ވެސަލް މޮނިޓަރިން ސިސްޓަމް މެދުވެރިކޮށް ބެލުމުގެ މަސަކަތް 2020 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުމާއި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިން ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

"މިއަހަރުގެ އޮކްޓޯބަރު 30 އިން ފެށިގެން ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުތަކުން ވީއެލްޑީ ހަރުކޮށްފައި ނުވާނަމަ، އަދި އެއުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ނުފެންނަ ނަމަ، އެއުޅަނދަށް ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް އެއުޅަނދެއްގައި ވީއެލްޑީ ހަރުކުރެވި އުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ލިބެން ފެށުމާއި ހަމައަށް ސަސްޕެންޑް ކުރެވޭނެ،" މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ މިހާތަނަށް ވީއެލްޑީ ހަރުކޮށްފައިނުވާ އުޅަނދުތަކުންނާއި ވީއެލްޑީ އެކްޓިވޭޓްކޮށްފައިވާ ނުވާ އުޅަނދުފަހަރުން އުރީދޫގެ ހޮޓްލައިން 221 (ދިރާގު ނަންބަރުތަކުން 9613221) އަށް ގުޅައި ވީއެލްޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް އަންގާފައެވެ.

އޭގެ އިތުރުން އެއްވެސް ސަބަބަކާއި ހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުންނުދާ އުޅަނދުފަހަރު އުރީދޫގެ ހޮޓްލައިންއަށް ގުޅައި އެމައްސަލަތަކަށް ހައްލު ހޯދުމަށް ވެސް ވަނީ އަންގާފައެވެ.

މަސް ދޯނި ފަހަރުގައި ވެސެލް ލޮކޭޝަން ޑިވައިސް (ވީއެލްޑީ) ހަރުކުރަން ސަރުކާރުން 2019 ވަނަ އަހަރު ހުޅުވާލުމުން ބީލަން ކާމިޔާބު ކުރީ ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދިނުމުގައި އެންމެ ކުރީ ސަފުގައި އުޅޭ މަޝްހޫރު އެއް ކުންފުނި ކަމުގައިވާ އުރީދޫ މޯލްޑިވްސްއިނެވެ.

comment ކޮމެންޓް