ވިސާއާ ނުލާ ސައުދީއަށް ދެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ވިސާއާ ނުލާ ސައުދީ އަރަބިއާއަށް ދެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފިއެވެ.

އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ސައުދީއަށް ޒިޔާރަތް ކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިތަކެއް ދިނުމަށް އެގައުމުން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަށާއި، އުމްރާ ކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކަށާއި އާއިލާއާއި ރަހުމަތްތެރިންނަށް ޒިޔާރަތް ކުރުމަށް ސައުދީއަށް ދާ ދިވެހިންނަށް މިހާރު އީވިސާ ލިބޭނެ ގޮތާއި އެއާޕޯޓުން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މި ދިން ލުޔާއެކު، މިހާރު ދިވެހީންނަށް 'ވިސިޓް ސައުދީ' ވެބްސައިޓް މެދުވެރިކޮށް އީވިސާއަށް އެދެވޭނެއެވެ. އަދި އޮންއެރައިވަލް ވިސާ ނަގާ ފަރާތްތަކަށް ސައުދީ އެއާޕޯޓްތަކުގައި ހުންނަ ސެލްފް ސާވިސް ކިއޯސްކްތަކުން ނުވަތަ ޕާސްޕޯޓް ކޮންޓްރޯލް އޮފީސްތަކުން ވެސް ވިސާ ނެގޭނެއެވެ.

ރާއްޖޭގެ އިތުރުން މި ލުއިތައް ލިބުނު ގައުމުތަކުގެ ތެރޭގައި އުޒްބަކިސްތާން، އަލްބޭނިއާ، ދެކުނު އެފްރިކާ، ޖިއޯޖިއާ، ތަޖިކިސްތާނާއި ކިރްގިސްތާން ހިމެނެއެވެ.

ދެހާސްނަވާރައިގައި ސައުދީން ލޯންޗްކުރި 'ވިޒިޓް ވިސާ' ޕްރޮގްރާމާ އެކު މިދިޔައަހަރު 93.5 މިލިއަން މީހުން ސައުދީއަށް ޒިޔާރާތް ކޮށްފައިވެއެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 93 ޕަސެންޓުގެ ކުރިއެރުމެކެެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ސައުދީން ރާއްޖެއަށް 15,285 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއަހަރު އެހާތަނަށް ރާއްޖެ އައިސްފައިވަނީ 10،914 ފަތުރުވެރިންނެވެ. މިއީ މިދިޔައަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 28.6 އިންސައްތައިގެ ވެއްޓުމެކެވެ.

ސައުދީއަކީ 16 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އަދި މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުވެސް މެއެވެ.

comment ކޮމެންޓް