އިންތިޚާބާ ގުޅޭ ރިކޯޑު ސާފުކުރުން އަވަސް ކުރުމަށް ޑީޖޭއޭއިން އެދެފި

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގުތު އޮއްވައި އިންތިޚާބާ ގުޅޭ ރިކޯޑު ސާފުކުރުން އަވަސް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އެދިއްޖެއެވެ.

އިންތިޚާބާ ބެހޭ ރިކޯޑު ސާފުކުރުމާ ގުޅިގެން ޑީޖޭއޭއިން ބުނީ، ބަންދު ދުވަސްތަކުގައި ވެސް ރިކޯޑު ސާފު ކުރުމަށް ހުށަހަޅާ ފޯމް ބަލައިގަތުން ކުރިއަށް ދާނެކަމަށެވެ.

އެގޮތުން މިއަދު މެންދުރު ފަހު 02:30 އިން ހަވީރު 05:30އާ ހަމައަށް ފޯމު ބަލައިގަން އިރު މާދަމާ ހެނދުނު 09:00 އިން މެންދުރު 03:00އާ ހަމައަށް ފޯމު ބަލައިގަންނަން ވަނީ ނިންމާފައެވެ.

ޑީޖޭއޭއިން ބުނީ، ރެކޯޑި ސާފު ކޮށްދިނުމުގެ މަސައްކަތް ދަނީ އާންމުކޮށް ރިކޯޑު ސާފުކުރުމަށް ހިނގާ މުއްދަތުގެ ބަދަލުގައި އިންތިޚާބަށް ފޯމު ހުސަހަޅަން ޖެހޭ މުއްދަތައް ރިއާޔަތް ކޮށް ކަމަށެވެ. އަދި ރިކޯޑު ސާފު ކުރުމަށް މަދު ވެގެން 48 ގަޑިއިރު ހޭދަވާތީ ވަގުތު އޮއްވައި ރިކޯޑު ސާފުކުރުމަށް ހުށަހަޅަން ޑީޖޭއޭއިން ވަނީ އެދިފައެވެ.

ރިކޯޑު ސާފުކުރުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކު ރިކޯޑު ސާފުކުރަން ހުށަހެޅިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް