ކެނެޑާއިން ކޮންމެ ސިނގިރޭޓެއްގައި އިންޒާރެއް ޖަހަނީ

ކެނެޑާގައި ވިއްކާ ވަކި ސިނގިރޭޓުގައި އަންނަ އަހަރުން ފެށިގެން އިންޒާރު ޖަހަން ފަށާނެ -- ފޮޓޯ/ ހެލްތު ކެނެޑާ

ކެނެޑާގައި ޒުވާނުން ދުންފަތާ ދުރުކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން، ސިނގިރޭޓުން ލިބޭ ގެއްލުމުގެ އިންޒާރު ވަކިވަކި ސިނގިރޭޓުގައި ޖެހުމަށް އެ ގައުމުން ނިންމައިފިއެވެ.

ސިނގިރޭޓު ފޮށީގެ ބޭރުގައި މިހާރު ވެސް އިންޒާރު ޖަހަމުން އަންނަ ކެނެޑާގައި ކޮންމެ ސިނގިރޭޓެއްގައި ލޭބަލް ޖަހަން އަންގާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް އަމަލު ކުރަން ފެށީ އިއްޔެއެވެ. އެހެންވެ، ސިނގިރޭޓު އުފައްދާ ކުންފުނިތަކުން އަންނަ އަހަރުން ފެށިގެން ވަކި ސިނގިރޭޓުގައި އިންޒާރު ޖަހަން ޖެހޭނެއެވެ.

އެ ގަވާއިދުގެ ދަށުން، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 'ކިންގް ސައިޒް' ސިނގިރޭޓުގައި ލޭބަލް ޖަހަން ޖެހޭއިރު 2025 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެހެން ސައިޒުތަކުގެ ސިނގިރޭޓުގައި ވެސް ލޭބަލް ޖަހަން ޖެހެއެވެ.

އިނގިރޭސި ބަހާއި ފްރާންސް ބަހުން ލިޔެފައި ހުންނަ އެ ލޭބަލް ފެންނާނީ ސިނގިރޭޓުގެ ފިލްޓަރު ހުންނަ ހިސާބުންނެވެ. އެ ލޭބަލްތަކުގައި ދުންފަތުން ކުޑަކުދިންނަށާއި ހަށިގަނޑުގެ ގުނަވަންތަކަށް ލިބޭ ގެއްލުމުގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތައް ދިމާވެދާނެ ކަމާއި ލޭގެ ކެންސަރަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ޖަހަން ޖެހޭނެއެވެ.

ކެނެޑާއިން އެކުލަވާލި އާ ގަވާއިދަކީ، 2035ގެ ނިޔަލަށް އެ ގައުމުގައި ދުންފަތް ބޭނުން ކުރާ މިންވަރު ފަސް ޕަސެންޓަށް ދަށް ކުރަން އެގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ކެނެޑާއިން ވަނީ ސިނގިރޭޓު ފޮށީގައި އިންޒާރުގެ ލޭބަލް ޖެހުން 1989ގައި ލާޒިމުކޮށްފައެވެ. އަދި ނުރައްކާތައް ދައްކުވައިދޭ ފޮޓޯ ވެސް ޖަހަން 2000 ވަނަ އަހަރު ވަނީ އަންގައިފައެވެ.

ކެނެޑާގައި ދުންފަތާ ގުޅުން ހުރި މައްސަލަތަކުގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު 48،000އަށް އަރައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް