ޓެރަރިޒަމްގެ ތުހުމަތުއޮތް ރާއްޖޭގެ މީހުންނަށާއި، ކުންފުނިތަކަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއަޅައިފި

މޭ 6، 2021: ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ފިޔަވަޅު ސިފައިން ވަރުގަދަކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ބައެއް ދިވެހިންނަށާއި، ވިޔަފާރިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އިއްޔެ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ފޮރިން އެސެޓްސް ކޮންޓްރޯލް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަލް ގައިދާ އަދި އައިސިސް ޖަމާއަތާ އެކި ގޮތްގޮތުން ގުޅުން ހުރި ކަމުގެ ތުހުމަތު އޮތް 18 މީހަކާއި، އެ މީހުންނާ ގުޅުންހުރި 29 ކުންފުންޏެއްގެ މައުލޫމާތު އާންމުކޮށްފައެވެ. މީގެތެރޭގައި، އައްޑޫގަައި ހަރަކާތްތެރިވާ ޓެރަރިސްޓު ސެލް އާއި، މާލޭގެ ބައެއް ގޭންގު ލީޑަރުންގެ އިތުރުން ރާއްޖޭގައި ހަރުކަށި ފިކުރާ ގުޅުން ހުރި ހައި ޕްރޮފައިލް މައްސަލަތަކުގައި ދައުވާ އުފުލާފައިވާ ބައެއް މީހުން ހިމެނެއެވެ.

"އައްޑޫ ސެލް"ގެ ބައިވެރިން

އައްޑޫ ސިޓީގައި ޓެރަރިސްޓު ސެލްއެއް ހިންގާކަމަށް ތުހުމަތުކޮށް ދަތި ކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންކަމުގެ މައްސަލައިގައި ދައުވާ އުފުލި މުހައްމަދު ތަސްލީމް ހިމެނެއެވެ.

މީގެ އިތުރުން އެ ސެލްގެ އަމީރެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކުރާ ޖިނާއު ނަސީމުގެ އިތުރުން، ހަމަލާތައް ރޭވުމާއި، ޕްރޮޕެގެންޑާ ފެތުރުމުގައި އުޅޭކަމަށް ތުހުމަތުވާ ތިން މީހަކު ހިމެނެއެވެ. އަދި އެ ކުންފުންޏާ ގުޅުންހުރި ދެ ވިޔަފާރިއެއް އެ ލިސްޓުގައި އެބައޮތެވެ.

އެމެރިކާއިން ތުހުމަތު ކުރާގޮތުގައި އެ ސެލް އިން 2022ވަނަ ގޮވާއެއްޗެއް ބޭނުންކޮށްގެން ހަމަލާއެއްދޭން ރޭވިއެވެ.

އައިސިސްއާ ގުޅުންހުރި ގޭންގުތައް

އައިސިސް ޖަމާއަތާ ގުޅުން ހުރިކަމަށް އެމެރިކާއިން ތުހުމަތުކުރާ ގޭންގު ލީޑަރުންނަކީ ހ. ހިލްޓަން އަށް ނިސްބަތްވާ ތިންބެއިންނެވެ. އެއީ އަހްމަދު އާލިފް ރައޫފާއި، މުހައްމަދު އިންތިފް ރައޫފް އަދި އިބްރާހީމް އަލީފް ރައޫފެވެ.

އެމެރިކާއިން ތުހުމަތުކުރަނީ އެމީހުން ނިސްބަތްވާ "ކުޑަ ހެންވޭރު" ގޭންގުން އައިސިސްގެ ރާއްޖޭގެ ގޮފިތަކަށް ފަންޑު ހޯދުމަށް ބޮޑެތި ވައްކަންކުރުން ފަދަ ކުށްތައް ކުރާ ކަމަށެވެ.

މީގެ ތެރެއިން އާލިފް އަކީ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތުހުމަތު އޮތް މީހެކެވެ. އިންތިފް އަކީ 2016ވަނަ އަހަރު ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލާފައިވާ މީހެކެވެ. އަދި ހަމަ އެގެޔަށް ނިސްބަތްވާ އަޒްލީފް ރައޫފަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހޯދަން އިއުލާނުކުރި މީހެކެވެ.

އެ މީހުންނާ ގުޅުން ހުރި ހަތަރު ވިޔަފާރިއަކަށް އެމެރިކާއިން ފިޔަވަޅުއެޅިއެވެ.

މުހައްމަދު އަމީނާ ގުޅުން ހުރި މީހުން

އައިސިސް ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައި އެމެރިކާއިން ތުހުމަތުކުރާ، އަދި ރާއްޖެއިން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، މުހައްމަދު އަމީންއާ ގުޅުން ހުރި ގިނަ ބަޔަކަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ.

އޭގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލާގައާއި، އއ. ހިމަންދޫ ހަމަނުޖެހުމުގެ މައްސަލާގައި، ދައުވާ އުފުލި އަހްމަދު އަލި މަނިކު ހިމެނެއެވެ. އޭނާގެ އިތުރުން އަށް މީހުންނަށާއި، އެ މީހުންނާ ގުޅުން ހުރި ވިޔަފާރިތަކަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

އަލް ގައިދާއާ ގުޅުންހުރި މީހުން

އަލް ގައިދާ ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ، އަގްލީލް އަބްދުﷲ (ކިޑޫ) އާއި ވީބީ އާއިލާއަށް ނިސްބަތްވާ އަލީ ޝިޔާމް (ވީބީ އައްޔަ) އަށެވެ.

އަގްލީލްގެ ހިއްސާ އޮތް ގިނަ ކޮންސްޓްރަކްޝަން ކުންފުންޏަކަށާއި، ގަަރާޖަށް އަދި "ސަދަން ސްޓޭލިއަންސް"އަށް ފިޔަވަޅު އެޅި އިރު ޝިޔާމްގެ ހަތް ވިޔަފާރިއަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.

comment ކޮމެންޓް