ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ ބައި ބިލިއަނަށް ވުރެ އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ސާފު ފައިދާ ބައި ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެއެވެ.

ޤައުމީ ބޭންކް، ބީއެމްއެލުން ނެރެފައިވާ ނިމިގެންދިޔަ ދެވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ވަނީ 1.06 ބިލިއަން ރުފިޔާ ލިބިފައެވެ.

ނިމިގެންދިޔަ ކުއާޓަރުގައި ބީއެމްއެލް ހިންގުމުގެ ފައިދާގެ ގޮތުގައި 678 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، 15 އިންސައްތަ އިތުރުވުމެކެވެ. މި ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށް ފަހު ބީއެމްއެލްއަށް ސާފްފައިދާގެ ގޮތުގައި 552 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، 55 އިންސައްތަ އިތުރުވުމެކެވެ.

މި ކުއާޓަރުގައި ޤައުމީ ބޭންކަށް ލިބުނު ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުންތަކާ އެކު، ދޫކުރެވުނު ލޯނުގެ އަދަދު ވެސް އިތުރުވެފައިވާތީއެވެ.

މިދިޔަ ކުއާޓަރުގައި ބީއެމްއެލަށް ލިބުނު މާލީ ކުރިއެރުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކަށް ލިބުނު ވިޔަފާރީގެ ކުރިއެރުން ތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"މި ނަތީޖާގެ ސަބަބުން މުޖުތަމައަށް އިންވެސްޓްކޮށް އެހީތެރިވުމުގެ މަގު މިވަނީ ފަހިވެފައި. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މި ހޯދުނު ކާމިޔާބީ ދަމަހައްޓަން މަސައްކަތް ކުރާނަން" ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ބީއެމްއެލުން ވަނީ އަމިއްލަ އަދި ވިޔަފާރިތަކަށް 2.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާގެ އަދަދު 29.1 ބިލިއަން ރުފިޔާގައި އުޅޭއިރު، މިހާތަނަށް ޖުމްލަ 17.7 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ބީއެމްއެލުން މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 38 ބްރާންޗު ހިންގަމުންދާއިރު، 87 ސެލްފް ސަރވިސް ބޭންކިން ސެންޓަރުގެ އިތުރުން 143 އޭޓީއެމް އަދި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.

comment ކޮމެންޓް