ވޯލްޑް ކަޕް މެޗެއް ހިޖާބުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔަކަށް މޮރޮކޯގެ ބެންޒީނާ

އަންހެނުންގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ނޫހައިލާ ބެންޒީނާ ބޯޅައަށް މަސައްކަތްކުރަނީ -- ފޮޓޯ/ ގެޓީ

އަންހެނުންގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅުންތެރިޔަކު ހިޖާބުގައި މެޗެއް ކުޅެފިއެވެ.

އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ "ގްރޫޕު އެޗް"ގައި ދެކުނު ކޮރެއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި މޮރޮކޯގެ ނޫހައިލާ ބެންޒީނާ ފެނިގެންދިޔައީ ހިޖާބުގައެވެ.

ހިޖާބުގައި ކުޅުން މަނާކުރުމަށްފަހު، ފީފާ އިން އެ ހުއްދަ ދީފައިވަނީ މީގެ ދިހަ އަހަރު ކުރިންނެވެ. އަދި ހިޖާބުގައި ބެންޒީނާ ފެނުމާއެކު އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހިޖާބުގައި މެޗެއް ކުޅުނު ފުރަތަަމަ ކުޅުންތެރިޔާއަށެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު ބްންޒީނާއަކީ ވޯލްޑް ކަޕްގެ ޓީމުތަކުގައި ހިމެނޭ 736 ކުޅުންތެރިންގެ ތެރެއިން ވެސް ހިޖާބުގައި ފެންނަ ހަމައެކަނި ކުޅުންތެރިޔާއެވެ. މިއީ އަންހެނުންގެ ވޯލްޑް ކަޕްގައި މޮރޮކޯ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފުޓުބޯޅައިގެ އިތުރުން ދާދި ފަހުން ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތަކުން ވެސް މިހާރު ވަނީ ހިޖާބުގައި ކުޅެން ހުއްދަ ދީފައެވެ. ނަމަވެސް ފްރާންސްގައި ރަސްމީ ފުޓުބޯޅަ މެޗުތަކުގައި އަދިވެސް ހިޖާބުގައި ކުޅުން މަނައެވެ.

އަންހެނުންގެ ވޯލްޑް ކަޕްގެ "ގްރޫޕު އެޗް"ގެ އެއްވަނައިގައި އޮތް ޖަރުމަނާއި ދެވަނައިގައި އޮތް ކޮލަމްބިއާ އަދި ތިންވަނައިގައި އޮތް މޮރޮކޯއަށް ވެސް، އެއިން ކޮންމެ ޓީމަކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ޖަރުމަނާއި ކޮލަމްބިއާ އިން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާ އިރު، މޮރޮކޯ އިން ވަނީ ދެ މެޗު ކުޅެފައެވެ. މޮރޮކޯގެ ފުރަތަމަ މެޗުގައި ޖަރުމަން އަތުން ވަނީ 6-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

comment ކޮމެންޓް