ޖަޕާނަށް ދާ ދިވެހިންނަށް ވިސާ މާފުކޮށްދިނުމަށް މަޝްވަރާކުރަނީ

ރާއްޖެއާ ޖަޕާނާ ދެމެދު މިއަދު ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޖަޕާނަށް ދާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް އެތެރެވެވޭނެ ގޮތް ހެދުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ރަސްމީ މަޝްވަރާތަކަށް ފަހު، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްވި ބަޔާނުގައި ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކަކީ އެ މަސައްކަތުގެ ފެށުން ކަމަށެވެ.

"ރާއްޖެއާއި، ޖަޕާނުން މިއަދު ވަނީ ދިވެހިންނަށް ކުރިއާލާ ވިސާއާ ނުލައި ޖަޕާނަށް ދިއުމަށް މަގުފަހި ކުރުމުގެ މަސައްކަތް ފަށާފައި" ޝާހިދު ވިދާޅުވިއެވެ.

މިއަދު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުން ތަކުގެ ތެރޭގައި ރާއްޖޭގެ ރަސްމީ އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ދަތުރުކުރާ މީހުންނަށް ވިސާ މާފުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

ޝާހިދު ވިދާޅުވީ އެ އެއްބަސްވުމަކީ އާންމު ޕާސްޕޯޓުތަކަށް ވިސާ މާފުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާ ޖަޕާނާ ދެމެދު މިއަދު ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޖަޕާނުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފަރާތުން ވިސާ މާފުކޮށްދިނުމަށް އެދުނު އެދުން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

"މިނިސްޓަރު ޝާހިދާއި އަޅުގަނޑަށް އެއްބަސްވެވޭ، ދޭދޭ ގައުމުގެ ފަރުދުންގެ ގުޅުންތަކަކީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ ބިންގާކަން" ހަޔާޝީ ވިދާޅުވިއެވެ.

އޭނާގެ ދަތުރުފުޅުގެ ތެރެއިން، މިއަދުވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ދޭ ޖޭޑީއެސް ސްކޮލާޝިޕްތައް އިތުރު އަހަރަކަށް ދަންމާލުމާ ބެހޭ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން ގުޅުން ބަދަހި ކުރުމަށް މިއަދު މަޝްވަރާކޮށްފައިވެއެވެ.

ހަޔާޝީގެ ދަތުރުފުޅުގެ ތެރެއިން، ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކަލާފާނު ސްކޫލަށް ޒިޔާރާތްކުރެއްވުމަށް ހަަމަޖެހިފައިވެއެވެ. އަދި މާލޭގެ ވަށައިގެން ލައިފައިވާ ކަނޑުތޮށި ރަމްޒުކޮށްދޭ މޮނިއުމެންޓަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ.

comment ކޮމެންޓް