އަނީސާގެ ތަޖުރިބާއިން ކިޔައިދެއްވީ އިހުގައި މަސައްކަތުގެ މާހައުލުގައި އޮތް ދަތިކަން!

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު-- ފޮޓޯ/ ރައީސް އޮފީސް

އިހުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވި ދަތިތަކުގެ ވާހަކަ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން, ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު ކިޔައިދެއްވައިފިއެވެ.

ދިވެހި ދައުލަަތައް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަނީސާ ވިދާޅުވީ އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ދައުލަތުގެ ވަޒީފާއެއް އަދާކުރުމުގައި މީހެއްގެ އުމުރުގެ 35 ނުވަތަ 40 އަހަރު ހޭދަކުރުމަކީ ވަރަށް ބޮޑު ގައުމީ ޚިދުމަތެއް ކަމަށާއި އެއީ ގުރުބާނީއެއް ކަމަށެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިހާތަނަށް ހާސިލުކުރެއްވި ބޭފުޅުން ޚިދުމަތަށް ނުކުމެވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާލުމުން ޚިދުމަތުގެ އަގުބޮޑުވާކަމަށް އަނީސާ ވިދާޅުވިއެވެ.

"އެ ބޭފުޅުން ވަޒީފާ އަދާކުރެއްވީ ޖާގައިގެ ގޮތުން ވަރަށް ދަތި، ވަސީލަތްތައް އަމުދުން ނެތް ވެއްޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ،" އަނީސާ ވިދާޅުވިއެވެ.

އަނީސާ ވަނީ އޭނާއަށް މަސައްކަތުގެ މާހައުލުގައި ކުރެއްވުނު ތަޖުރިބާ ހިއްސާކުރައްވައިފައެވެ. އަނީސާ ވިދާޅުވީ އޭނާގެ ފުރަތަމަ ވަޒީފާ ފެއްޓެވީ މީގެ 50 އަހަރު ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ހޮސްޕިޓަލްގައި ކަމަށެވެ. އެއީ ދައްކަން ފަސޭހަ ވާހަކައަކަށް ނުވި ނަމަވެސް، މިއަދު އަނީސާ ވަނީ އެ ވާހަކަ ހިއްސާކުރައްވައިފައެވެ.

އެއް ދުވަހެއްގެ ހަވީރު ދެ މީހަކަށް އެއްފަހަރާ އޮކްސިޖަން ދޭން ޖެހުނުއިރު ހޮސްޕިޓަލުގައި ހުރީ އެންމެ ސިލިންޑަރެއް ކަމަށް އަނީސާ ވިދާޅުވިއެވެ. އެ ފުޅި ހުރީ ފުއްޕާމޭގެ ބައްޔެއްގައި އެޑްމިޓްކޮށްފައި އޮތް 60 އަހަރުން މަތީގެ މީހަކަށް ގުޅައިފައި ކަމަށް ވިދާޅުވިއެވެ.

"އެހެން އޮއްވާ ހޮސްޕިޓަލުގައި އެ ވަގުތު އުފަންވީ ކުއްޖަކު އޮކްސިޖަން މަދުވެގެން މުޅިން ނޫ ވެފައި އޮތުމުން އޭނާއަށް އޮކްސިޖަން ދޭން މަޖުބޫރުވެއްޖެ. އެއަށްވުރެ ކްރޯނިކް ބައްޔެއްގައި އޮތް އުމުރުން ދުވަސްވީ މީހާއަށްވުރެ މެޑިކަލް ގޮތުން އޮކްސިޖަންގެ ބޭނުން ބޮޑީ ތުއްތު ކުއްޖާއަށް ކަމަށް ވާތީ އޮކްސިޖަން ފުޅި ނައްޓައިލައިގެން ކުޑަ ކުއްޖާއަށް ގުޅަން ޖެހުނު،" އަނީސާ އޭނާގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.

"އޮކްސިޖަން ނައްޓައިލިތާ މާ ގިނައިރުތަކެއް ނުވެ އެ ދުވަސްވީ މީހާ ނިޔާވި. ﷲގެ އިރާދަފުޅުން ކުޑަކުއްޖާ ސަލާމަތް ކުރެވުނު،" އަނީސާ ވިދާޅުވިއެވެ.

އެ ޒަމާނުގައި މަސައްކަތް ހުރި ގޮތަށް ބަލާއިރު، ސިޓީތަކާއި ބޮޑެތި ރިޕޯޓްތައް ވެސް ލިޔުނީ އަތުން ކަމަށާއި ކޮޕީ ހަދަން ޖެހޭނީ ދެ ގަނޑު ދޭތެރެއަށް ކާބަން ކަރުދާސް ލައްވައިގެން ކަމަށް އަނީސާ ވިދާޅުވިއެވެ.

"މިއީ ވެރިރަށް މާލޭގެ ހާލަތު ދެން ހިތްޕުޅަށް ގެންނަވާ އަތޮޅުތެރޭގެ ހާލަތު. ގިނަ ފަހަރަށް އިށީންނާނެ ގޮނޑިއެއް ނުހުންނާނެ، ކިތަންމެ ހޫނު ގަދަޔަސް ފިނިކޮށްލާނެ ފަންކާއެއް ނުހުންނާނެ،" އަނީސާ ވިދާޅުވިއެވެ.

މި ހާލަތު ބަދަލުކޮށް ހޮސްޕިޓަލުތަކުގައި އޮކްސިޖަން ގާއިމުކޮށް އޮކްސިޖަން ކޮޓަރިތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވީ އެކި ދައުރުތަކުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނާއި ހީވާގި މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގައި ބަލަނީ ހަމައެކަނި ޚިދުމަތްކުރެއްވި މުއްދަތަށް ނޫން ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި އިޚްލާސްތެރިކަމާއި އަޚްލާގީ މިންގަނޑުތަކަށް ވެސް ބަލައިގެން ކަމަށެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފަށައިފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު ވަނީ ދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި ވެސް ސަރުކާރުން ވަނީ 148 ބޭފުޅަކަށް އިނާމު ދީފައެވެ.

އެގޮތުން، މިހާތަނަށް ޖުމްލަ 457 ބޭފުޅަކަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދީފައެވެ.

comment ކޮމެންޓް