ދައުލަތައް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ގިނައިން ލިބުނީ މިފްކޯގެ މުވައްޒަފުންނަށް

ދިވެހި ދައުލަތައް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު މިއަހަރު ލިބުނު ބޭފުޅުންގެ ތެރެއިން މި އިނާމު ވަނީ 34 އަންހެން ބޭފުޅަކަށް ލިބިފައި --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތައް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު މިއަހަރު އެންމެ ގިނައިން ލިބުނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މުވައްޒަފުންނަށެވެ.

މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ދައުލަތަށް ހިދުމަތް ކުރެއްވި 148 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ. އޭގެތެރޭގައި މިފްކޯގެ 26 މުވައްޒަފުން ހިމެނެއެވެ.

މި އިނާމު ވަނީ 34 އަންހެން ބޭފުޅަކަށް ލިބިފައެވެ. އަދި މިފަހަރު އިނާމު ލިބިފައިވާ ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން 65 ބޭފުޅަކު ވަނީ އިނާމު ހާސިލްކުރައްވާފައެވެ.

މީގެ ތެރެއިން، ބައި ގަރުނަށްވުރެ ގިނަ ދުވަހުގެ މުއްދަތައް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ތިން ބޭފުޅަކަށް ވެސް ވަނީ އިނާމު ދީފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފަށައިފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު ވަނީ ދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި ވެސް ސަރުކާރުވް ވަނީ 148 ބޭފުޅަކަށް އިނާމު ދީފައެވެ.

އެގޮތުން، މިހާތަނަށް ޖުމްލަ 457 ބޭފުޅަކަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދީފައެވެ.

comment ކޮމެންޓް