ޒުވާނުން ހަވާލުވެ ތިބީ ގައުމީ ތަރައްގީގެ ވަރަށް ބޮޑު ޒިންމާއަކާ: ރައީސް

ދިވެހި ދައުލަަތައް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ / ރައީސް އޮފީސް

އަދުގެ ޒުވާން މުވައްޒަފުން ހަވާލުވެ ތިބީ ގައުމީ ތަރައްގީގެ ވަރަށް ބޮޑު ޒިންމާއަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަަތައް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތައް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ.

"ދައުލަތައް ޚިދުމަތް ކުރެއްވުމަކީ ކޮންމެ ޒުވާނެއްގެ ވެސް އުފަލަކަށް ހައްދަވާ. އޮފީހަށް ވަޑައިގަންނަވަންވީ ހަމައެކަނި ވަޒީފާއެއް އަދާކުރައްވާކަށް ނޫން. ތިޔަ ޒުވާނުން ހަވާލުވެ ވަޑައިގެން ތިއްބެވީ ޤައުމީ ތަރައްގީގެ ވަރަށް މުހިންމު ޒިންމާތަކަކާ،" ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ޚިދުމަތް ކުރުމަކީ ވަރަށް މަތިވެރި ގައުމީ ވާޖިބެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތައް ޚިދުމަތް ކުރެއްވުމުގެ ވާޖިބުތައް އަދާކުރުމުގައި ހިތުގެ އެންމެ އިޚުލާސްތެރިކަމާއެކު ދެމިތިއްބެވުމަށް ރައީސް ވަނީ ދައުލަތުގެ ހުރިހާ މުވައްޒަފުނަށާއި ޒުވާނުންނަށް އިލްތިމާސްކޮށްފައެވެ.

"މަަސައްކަތައް ވަގުތު ދެއްވައިގެން ކެތްތެރިކަމާއެކު ކަމަށް ކަމޭ ހިތްތަވައިގެން ވަޒީފާ އަދާކުރައްވަން ދެމި ތިއްބަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ މަގުގައި ރާއްޖެއަށް އާދެވިފައި މިވާ ހިސާބަށް އާދެވުނީ ދިގުމުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީގެ ސަބަބުން ކަމަށެވެ.

"ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފަށައިފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު ވަނީ ދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި ވެސް ސަރުކާރުން ވަނީ 148 ބޭފުޅަކަށް އިނާމު ދީފައެވެ.

އެގޮތުން، މިހާތަނަށް ޖުމްލަ 457 ބޭފުޅަކަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދީފައެވެ.

comment ކޮމެންޓް