އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން -- އެމްޓީސީސީ

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތް ކުރި އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއް ވެސް ސައިޓަށް ގެންދެވި އަންލޯޑް ވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ފުރިހަމަކޮށްފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ޗާޓާ ކޮށްފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލެޝީ" ށ. ކޮމަންޑޫގެ ބިން ހިއްކުމަށް ޓަކައި މިއަދު މޮބިލައިޒްކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިހަވަންދޫއަށް 25 ހެކްޓަރުގެ ބިން އިތުރުކުރުމާއި 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުން، ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 10ގައެވެ.

comment ކޮމެންޓް