މާލެ ސަރަހައްދުން ހިމަބިއްސަށް މީހަކު ޕޮޒިޓިވްވެއްޖެ

ހިމަބިހި ކޮންޓްރޯލްކުރަން ވެކްސިން ޖަހަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުން ހިމަބިހީގެ ކޭހެއް މި މަހުގެ 25ވަނަ ދުވަހު ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެ ކަމާ ގުޅިގެން ބެލި ބެލުމުން އެއީ ރާއްޖެއިން ބޭރުން އޭނާ އަށް ބަލިޖެހި ރާއްޖެއަށް އިމްޕޯޓެޑް ކޭސްއެއްގެ ގޮތުގައި ފާހަގަވެފައިވާ ކޭސްއެއްކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ބަލި ޖެހުނު މީހާގެ ހާލަތު މި ވަގުތު ހުރި ގޮތުން އޭނާއަށް ފަރުވާދެމުން އަަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންކަމަށެވެ. އޭނާއަކީ މީސަލްސްގެ ދެ ޑޯޒް ވެކްސިން ފުރިހަަމަކޮށްފައިވާ މީހެއްކަމަށާއި، މިހާރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ބުުންޏެވެ.

ނަމަވެސް ބަލިޖެހި ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު އޭނާ ދަތުުރުކޮށްފައިވާކަމަށާއި، އެހެންވެ އޭނާއާ ގުޅުންހުރި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި އެ މީހުންގެ ތެރެއިން ދެ ޑޯޒް ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުން ކުރިއަށްގެންދާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހި ޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހި ނެގުން ހިމެނެއެެވެ. އަދި ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ވެސް ހިމެނެއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މީސަލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަަމަކުރުމަކީ ހިމަބިހި ޖެހުމުގެ ފުރުސަތު 97 ޕަސެންޓު ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް ބަލީގެ ޒާތުން، މިއީ އަވަހަށް ފެތުރޭ ބައްޔަކަށްވުމުން ބައްޔަށް ހުށަހެޅިއްޖެނަމަ ބައެއް މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮންނަކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުން ދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ގައެވެ.

އޭގެ ފަހުން ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވީ ކޮވިޑު-19 ބަލިމަޑުކަން ފެނުމުގެ ދުވަސްކޮޅެއް ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

މީގެ ހަތަރު މަސްކުރިން، އެޕްރީލް މަހުގެ ތެރޭ އައްޑޫ ސިޓީން ކުޑަ ކުއްޖަކު ވެސް ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް