ކޭޝިއަރެއް ނުހުންނަ، ''އެސްޓީއޯ ސްމާޓް ޝޮޕް'' މާދަމާ ހުޅުވަނީ

ހުޅޫމާލޭ ފޭސް 1 ގެ ފިހާރަބަރީގައި ހުޅވުމަށް ތައްޔާރުވަމުންދާ އެސްޓީއޯ ސްމާޓް ފިހާރަ--- ފޮޓޯ/ އެސްޓީއޯ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރަކާއި ސޭލްސްމަނެއް ނެތި ވިޔަފާރިކުރެވޭ ގޮތަށް އެސްޓީއޯއިން ހެދި "އެސްޓީއޯ ސްމާޓް ޝޮޕް" މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި، ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވުމަށް ތައްޔާރު ވަމުންދާ މި ފިހާރަ ރަސްމީކޮށް ހުޅުވާނީ ކުލަގަދަ ރަސްމިއްޔާތަކާއެކު މާދަމާ ހެނދުނެވެ. މިކަން އެސްޓީއޯއިން ވަނީ ޔަގީންކޮށްދީފައެވެ.

އެސްޓީއޯ ސްމާޓް ޝޮޕަކީ، އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ފިހާރައެކެވެ. މި ފިހާރައިން ޚިދުމަތް ހޯދޭނީ އެކަމަށް ކަނޑައެޅިފައިވާ ޙާއްޞަ މޯބައިލް އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ސްޓޯ" މެދުވެރިކޮށެވެ. މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އާއި އެޕަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

މި އެޕުގައި ލޮގިން ވުމަށްފަހު، ދެން ކުރަންޖެހޭނެ ކަމަކަށް އިންނާނީ، އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކުރުމެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަނުގައި އިންނަ ކިއު އާރުކޯޑު ސްކޭން ކުރުމުންނެވެ. އެއަށްފަހު ފިހާރައަށްވަދެ ބޭނުންވާ އެއްޗެއް ނެގުމަށްފަހު ނުކުމެގެންދާންވީއެވެ.

ހުޅޫމާލޭ ފޭސް 1 ގެ ފިހާރަބަރީގައި ހުޅުވުމަށް ތައްޔާރުވަމުންދާ އެސްޓީއޯ ސްމާޓް ފިހާރަ--- ފޮޓޯ/ އެސްޓީއޯ

މި ފިހާރައިގައި ކޭޝިއަރެއް ނުވަތަ ސޭލްސްމަނެއް ނެތް ނަމަވެސް، އެ ފިހާރަ އަކީ ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ފިހާރައެކެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރެއެވެ. މި އޭއައި ކެމެރާތަކުން އެ ފިހާރައިގެ ހަރުތަކާއި، ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

މި ފިހާރައިން ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއްޗެއް ގަތުމަށްފަހު ކައުންޓަރުގައި ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވުމެވެ.

comment ކޮމެންޓް