ރާއްޖެއަށްކުރާ ދަތުރާއެކު ދެ ގައުމުގެ ގުޅުން ވަރުގަދަވާނެ: ޖަޕާނުގެ ފޮރިން މިނިސްޓަރު

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ--

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާއެކު އެގައުމާއި ރާއްޖޭގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަޔާޝީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައިއެވެ.

އެ މެސެޖުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ ސަރުކާރާއި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ މިނިވަންވުމުގެ މާކުރިން ވެސް ޖަޕާނާއި ރާއްޖެއާ ދެމެދު ގުޅުން އޮތް ކަމަށެވެ. އެގޮތުން 1960ގެ އަހަރުތަކުން ފެށިގެން ތަފާތު އެކި ސިނާއަތްތަކުން ދެ ގައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ރާއްޖެއާއި ޖަޕާނަކީވެސް ކަނޑުގެ ސަރަހައްދު ބޮޑު ދެ ގައުމުކަން ފާހަގަކުރައްވާ މެރިޓައިމް ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

މި މެސެޖުގައި މިނިސްޓަރު ހަޔާޝީ ވަނީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކަކީ ކޮބާތޯ ބެލުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ޚާއްސަ ދަޢުވަތަކަށް މިނިސްޓަރު ހަޔާޝީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ، މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލުކުރައްވާނެ ކަމަށެވެ.

ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2018 ވަނަ އަހަރެވެ. އެއީ އެ ގައުމުގެ އޭރުގެ ޚާރިޖީ ވަޒީރު ތާރޯ ކޯނޯއެވެ.

comment ކޮމެންޓް