ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް އުޝާމް ހަމަޖައްސައިފި

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހަމަޖައްސައިފިއެވެ.

އިންތިޚާބަށް ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިހާރު ހުޅުވާލާފައިވާއިރު، އެކި ސިޔާސީ ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޖެންޓުން ކަނޑައަޅަމުންނެވެ.

އުޝާމް އަކީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެމްއެންޕީއަކީ ދާދިފަހުން އުފެއްދި ސިޔާސީ ޕާޓީއަކަށް ވާއިރު، ޕާޓީގެ ދަފުތަރުގައި މި ވަގުތު 9،000 އަށް ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.

އީސީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެމްއެންޕީއަކީ ރާއްޖޭގައި ހަތަރުވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީން ދަނީ މާލޭގައްޔާއި އަތޮޅު ތެރޭގައި ވެސް އެމްއެންޕީގެ ޖަގަހަތައް ހުޅުވައި ހަރަކާތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ އެޕާޓީގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.

comment ކޮމެންޓް