މާލޭގައި މިރޭ ފަސް ސިކުންތަށް ހަވާ އަރުވަނީ

ރާޅުގަނޑު ސަރަހައްދުގައި ކުރިއައްދިޔަ ހަވާއެރުވުމުގެ ތެރެއިން-- ސަން ފޮޓޯ

މާލޭގައި މިރޭ ފަސް ސިކުންތަށް ހަވާ އަރުވާނެ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އެމްއެންޑީއެފުން ހަވާ އަރުވަން ނިންމާފައި ވަނީ މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެގޮތުން އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ މިރޭ 21:00 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި ގަލޮޅު ދަނޑުގައި ގާތްގަނޑަކަށް ފަސް ވަރަކަށް ސިކުންތަށް ހަވާ އަރުވާނެ ކަމަށެވެ.

އެމްއެންޑީއެފުން އާންމުކޮށް ހަވާ އަރުވަނީ ޚާއްޞާ މުނަސާބަތުތަކުގައްޔާއި، އަމިއްލަ ފަރާތްތަކުގެ ހަފުލާތަކުގައެވެ. ނަމަވެސް ބައެއް ފަހަރު އެފަދަ ފަރިތަކުރުންތަކުގެ ތެރެއިންވެސް ހަވާ އަރުވާ އިރު، އެކަން ދުރާލާ އަންގައެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ތަފާތު ހަރަކާތްތަކެއް ބާއްވާއިރު، މި އަހަރު ވެސް އެފަދަ ހަރަކާތްތަކެއް ރާވާފައި ވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން މިނިވަން ދުވަހާ ގުޅުވައި އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް