ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޙަސަން މަމްދޫހް (މަންޑޭ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން މަމްދޫހު ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިތުރު 10 ދުވަހަށް މަންޑޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޭ ޕާކް މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލި ފަހުންނެވެ.
އެނގިފައިވާ ގޮތުގައި މަމްދޫހްގެ ޕާސްޕޯޓް ދޫކޮށްލީ އޭނާގެ އަނބިމީހާ ވިހައިގެން އުޅޭތީ، އަނބިމީހާ ކައިރިއަށް ދިޔުމަށް 45 ދުވަސް ދިނުމަށް އެދުމުންނެވެ.
ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ. އަދި, ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި މަންޑޭގެ އިތުރުން ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.