ބަޣުދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެ ރޯކޮށްލައިފި

ބަޣުދާދުގެ އެމްބަސީއަށް ވަދެގަތް މީހުން ހުއްޓުވަން ފުލުހުން ޕްރެޝަރުގައި ފެން ޖެހި -- ފޮޓޯ/ ރޮއިޓާސް

ސްވިޑެންގައި މުސްހަފެއް އެންދި މައްސަލައިގައި އިރާގުގައި މުޒާހަރާކުރަމުން ދިޔަ ބަޔަކު ދަންވަރުގެ ވަގުތެއްގައި އެ ގައުމުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެގަނެ، އެތާހުރި އިމާރާތެއްގައި ރޯކޮށްފިއެވެ.

އެ ހާދިސާގެ ވީޑިއޯތަކުން ފެންނަނީ އިރާގުގެ ޝީޢީ ސިޔާސީ ލީޑަރު މުގްތަދާ އަލް ސަދުރުގެ ޕޯސްޓަރުތަކާއި ދިދަތައް ހިފައިގެން ތިބި ބަޔަކު އެމްބަސީގެ ފާރު މަތިން އަރައި، އޮފީހުގެ މައި ދޮރާއްޓަށް ހަމަލާ ދޭ މަންޒަރެވެ. އަދި އެ ސަރަހައްދުގައި ބަޔަކު ރޯކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ސްވިޑެންގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާގައި އެމްބަސީގެ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާ ކަމަށް ބުނެފައެވެ. އަދި އެ އެމްބަސީން ވަނީ ހަމަލާ ކުށްވެރިކޮށް، އިރާގުން ޑިޕްލޮމެޓިކް މިޝަންތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާފައެވެ.

އިރާގުގެ ފޮރިން މިނިސްޓްރީއިން ވެސް ވަނީ ހަމަލާ ކުށްވެރިކޮށް، އެ ހާދިސާ ހިނގާ ދިޔަ ގޮތާއި ކުށްވެރިވާ މީހުން ހޯދަން ތަހުގީގެއް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.

ބަޣުދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެގަތް މީހުން -- ފޮޓޯ/ ރޮއިޓާސް

އެ މުޒާހަރާ ރޫޅާލުމަށް އިރާގުގެ ފުލުހުން ބާރުގެ ބޭނުންކޮށް، ޕްރެޝަރުގައި ފެން ޖެހިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އިރާގުގައި ބޭއްވި ޕާލިމެންޓް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީގެ ލީޑަރު ކަމަށްވާ ސަދުރު، ސްވިޑެންއާ ދެކޮޅަށް މުޒާހަރާ ކުރުމަށް މީގެ ކުރިން ގޮވާލައްވާފައިވެއެވެ.

ސަދުރުއާ ގުޅުން ހުރި ޓެލެގްރާމް ގުރޫޕެއްގައިވާ ގޮތުން ރޭގެ މުޒާހަރާ އިންތިޒާމު ކުރީ އޭނާއަށް ތާއިދު ކުރާ މީހުންނެވެ. އެއީ ސްވިޑެންގައި އަނެއްކާވެސް މުސްހަފެއް އަންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަމާ ދެކޮޅު ހެދުމަށް ކަމަށް އެ ގުރޫޕުގައިވެއެވެ.

ސްވީޑެންގެ މީޑިއާތަކުން ވަނީ އެގައުމުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި މިއަދު މީހަކު މުސްހަފެއް އަންދަން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ. އެއީ މިދިޔަ މަހުގެ 28ގައި ވެސް މުސްހަފު އެންދި، އިރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާ ކަމަށް ވެސް އެ ނޫސްތަކުގައިވެއެވެ. އޭނާ މީގެ ކުރިން މުސްހަފް އެންދީ ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، އީދު ދުވަހާ ދިމާކޮށެވެ.

comment ކޮމެންޓް