އަކުއާ ކިއުބްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަންޓޭ، ބޮޑު ފުރުސަތެއް

އަކުއާ ކިއުބްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަސަން މާހިރު (ހެންޓޭ) ހަމަޖެއްސުން -- ފޮޓޯ/ ރާޅު ގުޑި

ޒުވާން އުމުރުން ފެށިގެން ކައިޓް ސާފިންގައި ވިދަމުންދާ ހަސަން މާހިރު (ހެންޓޭ)، އަކުއާ ކިއުބްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.

އިންޓަނޭޝަނަލް ބްރޭންޑް "ޑުއޯޓޯން"ގެ އަކުއާ ކިއުބްއަކީ ފުޅާ ދާއިރާއެއްގައި މޫދު ކުޅިވަރުގެ ސާމާނުތައް ވިއްކަމުންދާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ކަޓަމަރާނާއި ކައިޓް ބޯޑާއި ސާފް ބޯޑާއި ޕެޑަލް ބޯޑާއި ވޭކް ބޯޑާއި ވިންޑް ސާފިންއަށް ބޭނުންވާ ސާމާނު ވެސް ވިއްކަމުންނެވެ.

އަކުއާ ކިއުބްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަންޓޭ ހަމަޖައްސާފައިވަނީ މިއަދު މެންދުރުފަހު ބޯޅަގޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެކަމަށްޓަކައި އަކުއާ ކިއުބްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފައިސަލެވެ.

އެ އެއްބަސްވުމުގެ ދަށުން އަކުއާ ކިއުބްގެ ފަރާތުން ހަންޓޭއަށް އަހަރެއްގެ މައްޗަށް ތިން ލައްކަ ރުފިޔާގެ ކައިޓް ސާފިން ސާމާނު ފޯރުކޮށްދޭނެއެވެ. އެއާއެކު ހަންޓޭއަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އަކުއާ ކިއުބުން ގަބޫލުކުރެއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ވަކި ލެވަލްއަކަށް ކައިޓް ސާފަރުން ވެސް، އަދި މޫދު ކުޅިވަރު ކުޅޭ އެހެން މީހުން ވެސް ދާ އިރުގައި، ބައިވަރު އިކުއިޕްމަންޓްސްތަކެއް އެބަ ބޭނުންވޭ. އެ އިކުމަންޓްތަކުގެ އަގު އަޅުގަނޑަށް ހީވަނީ އާންމުގޮތެއްގައި މިއުޅޭ ކުއްޖަކަށް އެފޯޑެއް ނުކުރެވޭނެ ކަންނޭނގެ. މިސާލަކަށް ހަންޓޭގެ މި ސްޕޮންސާޝިޕްގެ ދަށުން ހަންޓޭއަށް ޕްރޮވައިޑްކޮށްދޭނަން އަހަރެއްގެ ތެރޭގައި ތިން ލައްކަ ރުފިޔާގެ އިކުއިޕްމަންޓް ދޭނަން،" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އަކުއާ ކިއުބްގެ މެނޭޖިން ޑިރެކްޓަރު ފައިސަލް ވިދާޅުވިއެވެ.

އަކުއާ ކިއުބްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖެއްސި ހަސަން މާހިރު (ހެންޓޭ) -- ފޮޓޯ/ ރާޅު ގުޑި

ފައިސަލް ވިދާޅުވީ މޫދު ކުޅިވަރުތަކުން ކުރިއަރައި ދާ އެތުލީޓުންނަށް އަކުއާ ކިއުބުން ޕްލެޓްފޯމެއް ގާއިމުކޮށްދޭނެ ކަމަށާއި ކައިޓް ސާފިންގެ އިތުރުން ވެސް އެހެން މޫދު ކުޅިވަރުތަކުގެ އެތުލީޓުންނަށް ވެސް ކުރިއަށްއޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއާއެކު އެތުލީޓްސް ސްޕޮންސާޝިޕް ޕްރޮގްރާމެއް ވެސް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ވަރަށް އަގުބޮޑު ސްޕޯޓެއް. އާދައިގެ ބޯޑެއް ވެސް ލިބެން ހުންނަނީ 60،000 އެއްހާ ރުފިޔާއަށް. އެހެންނަމަވެސް މި ކުޅިވަރުން ކުރިއަށްދާން ކައިޓް ސާފިން ކޮމިއުނިޓީން ވަރަށް ބޮޑު އެހީތެރިކަމެއް ދޭ. އަޅުގަނޑުމެންގެ ޓާގެޓަކީ ޕްރޮފެޝަނަލްކޮށް މިކަން ކުރަން ބޭނުންވާ ކުދިންނަށް އެހީވުން،" އޭނާ ވިދާޅުވިއެވެ.

އެ ހަފުލާގައި ވާހަކަދައްކަމުން ހަންޓޭ ބުނީ އެ ހުށަހެޅުން ގަބޫލުކުރީ އެއީ ވަރަށް ރަނގަޅު ހުށަހެޅުމަކަށްވާތީ ކަމަށާއި މިފަދަ ބޮޑު ބްރޭންޑަކުން ލިބުނު ފުރުސަތާއެކު ކުރިއަށްދާން އިތުރު މަގެއް ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖެއިން ބޭރުގެ ފުރުސަތުތައް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ބ. ގޮއިދުއަށް އުފަން ހަންޓޭ އަކީ ވަރަށް ޒުވާން އުމުރުން ފެށިގެން ވެސް ކައިޓް ސާފިންގައި ހުނަރު މޮޅު އެތުލީޓެކެވެ. އޭނާގެ ކައިޓް ސާފިންގެ ހުނަރަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބެމުންދެއެވެ.

comment ކޮމެންޓް