މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް 3500 ރުފިޔާ ޖަމާކޮށްފި

މުދަލު ޒަކާތް ބަލައިގަންނަނީ -- ސަން ފައިލް ފޮޓޯ

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3500 ރުފިޔާ ކަމަށް ކަނޑައަޅައި އެ ފައިސާ މިއަދު ޖަމާކޮށްފިއެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިއަހަރު ރެޖިސްޓްރީވެފައި ވަނީ 7657 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ނިމުނު 1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26.7 މިލިއަން ރުފިޔާއެވެ.

މި ފައިސާ ފަގީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 މީހުންނަށް، ބޮލަކަށް 3500 ރުފިޔާގެ ރޭޓުން މިހާރު ޖަމާކޮށްފައިވާކަމަށް ވެސް މިނިސްްޓްރީން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ މުދަލު ޒަކާތުން ބޮލަކަށް ޖެހޭ އަދަދު ކަނޑައަޅާފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދަށް ބަލައިގެން ކަމަށެވެ.

ރާއްޖޭގައި ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު ގިނަ ނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ދަށް ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ. މިިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 91 މިލިއަން ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

comment ކޮމެންޓް