ފުޅަދުއަށް ލެއްގި ގޮތް ނޭނގޭ ޕެކެޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހެއް ޔުނީފޯމުގައި

ބ. ފުޅަދުއަށް ލެއްގި ގޮތް ނޭނގޭ ޕެކެޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެތަކެތި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގައި ހުރީ ކޮން އެއްޗެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ފުޅަދޫ ކައުންސިލް މެންބަރު އަހުމަދު އާސިފް ވިދާޅުވީ ގޮތް ނޭނގޭ 10 ޕެކެޓެއް މިއަދު ހެނދުނު 7:30 ހާއިރު އެ ރަށު ގޮނޑު ދޮށަށް ލެއްގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއަށް ފަހު އެ އަތޮޅު ގޮއިދޫ އަދި އޭދަފުށިން ފުލުހުން އައިސް އެ ތަކެތި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕެކެޓު ތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ތިން ބާވަތެއް ހިމެނޭ ކަމަށް ޝައްކު ކުރެވެއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް މި ބާވަތުގެ ގޮތް ނޭނގޭ ޕެކެޓު މަދުން ނަމަވެސް ލައްގާ ކަމުގެ ރިޕޯޓުތައް ފެންމަތިވެއެވެ.

comment ކޮމެންޓް