ތިނަދޫ އައު އިންޖީނުގެ ރައީސް ޞާލިޙު ހުޅުވައިދެއްވައިފި

ވ. ތިނަދޫ އައު އިންޖީނުގެ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ހުޅުވައިދެއްވުން-- ފޮޓޯ/ ސްޓެލްކޯ

ވ. ތިނަދޫ އައު އިންޖީނުގެ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.

ތިނަދޫ އައު އިންޖީނުގޭގެ މަސައްކަތް ކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިންނެވެ. މިއީ އެ ރަށުގައި ހުރި އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

ތިނަދޫގައި މީގެ ކުރިން ކަރަންޓުގެ ޚިދުމަތްދެމުން ގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ޔު އިންޖީނުގެ ދުމާއި އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށް ވެސް ބޮޑެތި ދަތިތަކެއް އައީ ކުރިމަތިވަމުންނެވެ.

ވ. ތިނަދޫ އައު އިންޖީނުގެ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ހުޅުވައިދެއްވުން-- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ބުނީ ތިނަދޫ އިންޖީނުގެއަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށެވެ.

އެގޮތުން އެ ކުންފުނިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، ޖަނަރޭޓަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންނަމަވެސް އަލަށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށް ވެސް، ބައު އިންޖީނުގޭގައި އާ ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި އެ ރަށަށް ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ތިނަދޫގައި އައު އިންޖީނުގެއެއް އަޅައިދިނުމަކީ، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން ތިނަދޫގައި އައު އިންޖީނުގެއެއް އެޅުމަށް ނިންމާ، އެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެއެކެވެ.

ވ. ތިނަދޫ އައު އިންޖީނުގެ-- ފޮޓޯ/ ސްޓެލްކޯ

އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ.

އޭގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައި ވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައިއެވެ.

comment ކޮމެންޓް