ގުރައިދޫ މަރުކަޒުގެ ބަލިމީހެއް އަތުން ވައްކަން ކުރިތާ މަހެއް، ގެއްލުނު ފައިސާ ނުހޯދޭ

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު --

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ ބަލި މީހެއްގެ އަތުން އެތަނުގެ މުވައްޒަފަކު ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭތާ މަހެއް ވެފައި ވާއިރު، އެ ފައިސާ އަދިވެސް ހޯދިފައި ނުވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޒަމްހީނާ "ސަން"އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަނީ ކަމަށެވެ. އަދި މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފު އަދިވެސް ހުރީ ސަސްޕެންޑުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓެއްގައެވެ. އެގޮތުން މި މައްސަލައިގައި އެ މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވެނީ ބަލި މީހާގެ ކޭޝް ކާޑު ބޭނުން ކޮށްގެން ވިޔަފާރިކުރުމާއި އޭނާގެ އެކައުންޓުން ފައިސާ ނެގި ކަމަށެވެ.

https://sun.mv/178596

އޭނާ ވިދާޅުވީ އެ މައްސަލަ ބަލައި ނިމުމުން އޭނާއާ މެދު އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ޕޯސްޓުގައިވާ ގޮތުން ބަލިމީހާގެ އެކައުންޓުން 7،000 އަށްވުރެ ގިނަ ރުފިޔާ ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް