ގާސިމް، އަލީއަށް: ހަސަދަވެރިންގެ އެތިފަހަރުތައް އަންނާނެ، މާޔޫސް ނުވޭ

ހިތްވަރާ އެކު ކުރިއަށް ދާއިރު، ހަސަދަވެރިންގެ "އެތިފަހަރުތައް" ވެސް އަންނާނެ ކަމަށާއި އެ ކަންކަމާ މާޔޫސް ނުވޭ ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވެ، އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފިއެވެ.

މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެ ވުޒާރާގައި މަސައްކަތް ކުރި އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިގެން، ދައުވާ ވެސް އުފުލާފައިވަނިކޮށް އަލީ ވަނީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ގޮސްފައެވެ. އަދި، އެއަށް ފަހު، އިނގިރޭސިވިލާތުގައި މަޑު ކުރައްވާފައެވެ.

އެ ދައުވާތައް އަނބުރާ ގެންދިއުމުން، އޭނާ ރާއްޖެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހެވެ. އެއަށް ފަހު، މިއަދު ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވާފައެވެ.

އަލީއަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގެން ހުންނަވާ ގާސިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލީ ވަހީދަކީ ވަރަށް ހިތްވަރާއި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އޭނާއަށް ކުރިމަތިވީ "ހަސަދަވެރިންގެ އެތި ފަހަތެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމާއި އަލީ ވަހީދު، މިއަދު އެއާޕޯޓުން ސަން އައިލެންޑަށް ވަޑައިގަންނަވަނީ -- ފޮޓޯ/ ޖުމްހޫރީ ޕާޓީ

"އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި، ބަރާބަރަށް ކަންތައްތައް ކުރާ، ހަރަކާތްތެރިކަމާ އެކު ކަންތައްތައް ކުރެވޭ ބޭފުޅެއް ކަމަށް އަޅުގަނޑު ހަމަ ގައިމު ވެސް ޔަގީން ކުރަން. އެއީ، މާ ގިނަ މީހުންގެ ހުންނަ ސިފައެއް ނޫން ކަންނޭނގެ،" ގާސިމް ވިދާޅުވިއެވެ.

"އެހެންވީމާ ބައެއް މީހުން ހަސަދަވެރި ވެސް ވާނެ. ހަސަދަވެރިންގެ ފަރާތުން އަންނަ އެތިއެތި ފަހަރު ވެސް އަންނާނެ،"

އަލީއަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތައް އޭނާ ވެސް ދޮގު ކުރައްވައެވެ. އަދި، އެއީ ސިޔާސީ ގޮތުން ބަޔަކު ކުރެއްވި ކަމެއް ކަމަށާއި އޭނާ ފްރޭމް ކުރީ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އެއަށް ބާރުދެއްވާ ގާސިމް ވެސް މިއަދު ވަނީ އެއީ، ސިޔާސީ ކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.

އެހެންވެ، އަލީ ވެސް މާޔޫސް ނުވެ ކުރިއަށް ދާން ގާސިމް އެދިލެއްވިއެވެ.

އަލީ ވަހީދަށް މަރުހަބާ ދަންނަވަން އެއާޕޯޓުގައި ހުންނަވާ، ގާސިމް އިބްރާހިމް އިންޓަވިއު ދެއްވަނީ -- ފޮޓޯ/ ޖޭޕީ

"ކުރިމަތިވާ ކަމަކާ ހެދި ނާއުންމީދު ވެގެން މީހާގެ ހަޔާތް ބަރުބާދު ކޮށްލާ، މީހާގެ އެއްވެސް ޝައުގުވެރިކަމެއް ނެތި، މާޔޫސް ވެގެން ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އަބަދު ވެސް ކުރިއަށް އޮންނަން ވާނީ،" އޭނާ ވިދާޅުވިއެވެ.

އޭނާއާ އެކު ހުންނަވާ އަލީ ވަހީދު ވެސް ވަނީ ގާސިމަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން، ސިޔާސީ މައިދާނުގައި އަބަދު ވެސް އަލީގެ އެންމެ ބޮޑު މަދަދުގާރަކީ ގާސިމް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ހިތްދަތި ދުވަސްތަކަށް ފަހު، އުފާވެރިކަމެއް ލިބުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔުއްވީ ވެސް ގާސިމް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ފުރަތަމަ އިހްތިރާމް އަދާކުރަން ޖެހޭ ސިޔާސީ ލީޑަރަކީ ނުވަތަ ފަރުދަކީ ލީޑަރު ގާސިމް އިބްރާހިމް،" ގާސިމާ ބައްދަލުކުރެއްވި ސަބަބު ސާފު ކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާ އެކު އޭނާ ވަނީ ފެބްރުއަރީ 2021ގައި ފުރާވަޑައިގެން އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެހެންވެ، ޝަރީއަތް ކުރިއަށް ނުގެންދެވި ދެ އަހަރު ދިގުލައިގެން ގޮސްފައި ވަނިކޮށް، ހެކި ނެތް ކަމަށް ބުނެ، ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމީއެވެ.

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިވީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަކުންނެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސް ވަރު، ގާސިމާއި އެ ނޫން ވެސް އިދިކޮޅު ލީޑަރުން އިނގިރޭސިވިލާތުގައި އަރުވާލެވިގެން ތިއްބެވިއިރު، އެ މަނިކުފާނާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އަލީ ވަހީދު އަދިވެސް ހުންނެވީ ޖޭޕީގައެވެ.

comment ކޮމެންޓް