ގާސިމާއި އަލީ ވަހީދު ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަދި އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިސަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓު ގައެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، މި ބައްދަކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަރަށް ގާތްކޮށް ވާހަކަ ދެއްކެވި ކަމަށާއި، އަލީ ވަހީދަށް ދިމާވި ކަންތައްތައް ގާސިމާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެކަމަކު، ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޓޫރިސަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، އެ މިިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އަލީ ވަހީދާ ދެކޮޅަށް ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވުމަށް ފަހު އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތު ނުވެ، ދައުލަތުން ވަނީ ދައުވާތައް އަނބުރާ ގެންދަވާފައެވެ.

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިވީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަކުންނެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސް ވަރު، ގާސިމާއި އެ ނޫން ވެސް އިދިކޮޅު ލީޑަރުން އިނގިރޭސިވިލާތުގައި އަރުވާލެވިގެން ތިއްބެވިއިރު، އެ މަނިކުފާނާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އަލީ ވަހީދު އަދިވެސް ހުންނެވީ ޖޭޕީގައެވެ.

comment ކޮމެންޓް