އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ނެތި ދިޔަައިމަ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ކ. މާފުށީގައި ރައީސްގެ ކެމްޕޭނުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެންމެ އުފާވަނީ އެމްޑީޕީގެ ތެރެއިން ލާދީނީ ފިކުރު ނެތިގެން ދިޔުމުން ކަމަށް ރައީސްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މިރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ތެރޭ ތިއްބެވި ބައެއް ވެރިން އެކި ގައުމުތަކަށް ގޮސް ދީނީ އަގީދާއާ ޚިލާފު ވާހަކަތައް ދައްކަމުން އައި ކަމަށެވެ. ސިޔާމްގެ އެ ވާހަކަފުޅުތައް ނުސީދާ މޭރުމަކުން ރައްދުކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

"މީގެ ތެރެއިން ބައެއް ވެރިން ޑެންމާކަށް ގޮސް، އެހެން ގައުމަކަށް ގޮސް އިސްލާމްދީނަށް ހަޖޫޖެހުން އެ މީހުންނަށް މި އޮންނަނީ އާންމުވެފައި. އަޅުގަނޑު އުފާކުރަން މިއަދު އެމްޑީޕީގެ ތެރޭގައި އެ ލާދީނީ ފިކުރު ނެތިގެން ދިޔަައިމަ. އަދި, ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން އެންމެ އުފާވަނީ އެ ކަމާ،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް ޞާލިހަކީ ދީނަށް ފުރައްސާރަކުރައްވާ ވެރިއެއް ނޫން ކަމަށެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ކ. މާފުށީގައި ރައީސްގެ ކެމްޕޭނުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެއާ އެކު ސިޔާމް ވިދާޅުވީ މިއީ އެމްޑީއޭއިން އެމްޑީޕީއާ ގުޅެން ނިންމި މައިގަނޑު ސަބަބު ކަމަށެެވެ. އަދި، އެމްޑީޕީއަށް މެންބަރުން އިތުރުވެ، ދެ ޕާޓީ އެކުވެ ކުރާ މަސައްކަތުގައި މެންބަރުން އިތުުރުވާނެ ސަބަބު ކަމަށެވެ.

"އެހެންވީމާ މިއަދު އެމްޑީޕީއަށް ވަންނާނެ މީހުން ވެސް ގިނައީ. އަދި ސިޔާމް ތި ހަދައިގެން އުޅޭ ކޯލިޝަން އެމްޑީއޭއަށް ވަންނާނެ މީހުން ވެސް ގިނައީ،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސާ އެކު ކެމްޕޭނަށް ގުރައިދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ވެސް މިއަދު އެމްޑީޕީ ހިނގަމުން އަންނަ ގޮތާމެދު ހިތްހަމަޖެހުން ފާޅުކޮށް ދައްކާ ވާހަކަތައް އިވިވަޑައިގަންނަވާކަމަށެެވެ.

އެހެންކަމުން މިއީ ސިޔާސީ ވާހަކައެއް ނޫންކަން ހާމަވާކަމަށް ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހިނގަމުން މި އަންނަ ފަސް އަހަރުގެ ތެރޭ ރައީސް ޞާލިހުގެ ކިބައިން ފެނިވަޑައިގަތީ 'ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ'ކަމަށެވެ. އެއީ ކަންކަން ހާސިލްކުރުމަށް އެންމެ މުހިންމު ސިފަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މަޑުމައިތިރިވުމުގެ އެންމެ މަތީ ދަރަޖަ. ކަންތައްތައް ކުރުމުގައި އަވަސް އަރުވައިލައިގެން ނޫޅެ. އެ ކަންތައް ކުރަންޖެހޭ އެންމެ ރަނގަޅަށް ކުރީމަ އެ ކަން މި ހާސިލްވަނީ،" ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ފަގީރުކަމަކީ އެންމެ ނުބައި ކަންތައް ކަމަށެވެ. އެ ކަމުން ދުރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ ކަން ކުރެވޭނީ ގާބިލް ވެރިންނާ އެކު ކަމަށް ސިޔާމް ވިދާޅުވިއެވެ.

"[ރައީީސް ޞާލިހަށް] އިކޮނޮމީ އެނގިލައްވާނެ. ވިޔަފާރި އެނގިލައްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑު ހާލަތާ އެކު އެ ފަދަ ހާލަތަކަށް ރާއްޖެ ނުގޮސް ސަލާމަތްވީ އެހެންވެކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް