ގިނަ ދަރިން ހޯދަން އެހީވާ ނިޒާމެއް ބޭނުން!

ބަޔަކު ކުޑަ ދެ ކުދިން ގޮވައިގެން ދަނީ: ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ކަންބޮޑުވާހާ ދަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނައިން ކުދިން ނުހޯދަނީ ކީއްވެހެއްޔެވެ؟ އެތައް ދެމަފިރިންނެއް ކައިރި މި ސުވާލު ކޮށްފީމެވެ. ހަމަ ލިބެނީ އެއް ޖަވާބެކެވެ. ރާއްޖޭގައި ގިނަ އާއްމު ރައްޔިތުން އުޅެން ޖެހިފައިވާ، ދަތި، އުނދަގޫ، ދަރަނިވެރި، ދިރިއުޅުމުގެ ސަބަބުން އެކަން ކުރެވެން ނެތީއެވެ. ކުދިން ބޭނުން ނުވަނީއެއް ނޫނެވެ. ބެލެން ނެތީމައި ހޯދެން ނެތީއެވެ.

މިއީ ކުޑަކަމެއް ނޫނެވެ. ގައުމެއްގެ ނިސްބަތުން ބޮޑު މައްސަލައެކެވެ. ޖަޕާން ފަދަ ގައުމުތަކުން ކުރަމުން އަންނަ ތަޖުރިބާއިން އިބުރަތް ހާސިލް ކުރަން ޖެހެއެވެ. އާބާދީ އިތުރު ވާ މިންވަރު ދަށްނަމަ ކައިރި މުސްތަގުބަލެއްގައި ގައުމުގައި ޒުވާނުންނަށް ވުރެން އުމުރުން ދުވަސްވީ މީހުން ގިނަވާނެއެވެ. މަސައްކަތް ކުރާ އުމުރުގެ މީހުން ގައުމެއްގައި މަދުވެއްޖެނަމަ ތަރައްގީ ވަރަށް ބޮޑަށް މަޑު ޖެހޭނެއެވެ. ހަމައެއާއެކު ސިއްހީ ނިޒާމަށް އޮންނަ ޑިމާންޑް މާބޮޑަށް އިތުރުވާނެއެވެ. އަދި ދައުލަތުގެ އާމްދަނީއިން ބޮޑު ހޭދައެއް ޕެންޝަނަށް ކުރަން ޖެހުމާއެކު ޕެންޝަން ފަންޑް މެނޭޖް ކުރަން ދަތިތައް ކުރިމަތިވާނެއެވެ.

ރާއްޖޭގެ މިސްރާބު ނުރައްކަލަކާ ދިމާލަށް

ބޯހިމެނުން 2022ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރިމައިވުމުގެ ނިސްބަތް ރާއްޖޭގައި ވަނީ އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިހާރު ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައެވެ.

https://sun.mv/179491

ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ދިޔުމަކީ ދަރިމައިވުން، މީހުން މަރުވާ މިންވަރަށް ވުރެ ދަށަށް ދިޔުމެވެ. އެހެން ގޮތަކަށް ބުނާނަމަ އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިޔުމެވެ. ދަރިމައިވުމުގެ ނިސްބަތް ދަށަށް ދިޔުމުން އެ ގައުމެއްގައި އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވެ ޒުވާން ޖީލެއް އުފެދުމުގެ ނިސްބަތް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދަށްވަމުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިމައިވުމުގެ ނިސްބަތް 6.4 ގައި ހުރިއިރު 2000 ވަނަ އަހަރު އެ އަދަދު ވަނީ 2.8 އަކަށް ވެއްޓިފައެވެ. އެއަށްފަހު 2006 ވަނަ އަހަރު ބޯހިމެނިއިރު އެ އަދަދު 2.2 ގައި ހުރުމަށްފަހު 2014 ވަނަ އަހަރު 2.5 ކަށް ވަނީ މަތިވެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ބޯހިމެނިއިރު ދަރިމައިވުމުގެ ނިސްބަތް އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިމައިވުމުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 1.7 އަކަށް ދަށްވެފައެވެ.

ރާއްޖެއަށް މިހެން މިވަނީ ކީއްވެ؟

ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އާބާދީ ކޮންޓްރޯލް ކުރުމުގެ ހަރަކާތްތަކެއް ހިންގިއެވެ. އޭރު ސަރުކާރުން ބާރު އެޅީ ގިނަ ކުދިން ނުހޯދުމަށެވެ. ނަމަވެސް މިއަދު އެ ސިޔާސަތެއް ނެތެވެ. ކުރިމަތިވަނީ އެހެން މައްސަލަތަކެކެވެ.

https://sun.mv/169566

ކައިވެނި ކުރާ އުމުރަށް ގޮސް އެކަން ކުރެވޭނެ ގޮތެއް ނެތް އެތައް ހާސް ބަޔަކު މި ރާއްޖޭގައި އެބަތިއްބެވެ. އެ ޒުވާނުންނަށް އަމިއްލަ ދިރިއުޅުމެއް ފެށެން ނެތީ، ބޯހިޔާވަހިކަން ނެތުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުން ފަދަ ސަބަބުތަކާ ހުރެއެވެ. ކައިވެނި ކުރަން ކިތަންމެ ބޭނުން ވިޔަސް މިފަދަ ސަބަބުތަކާހުރެ އެކަން ކުރެވެން ނެތީއެވެ.

ކައިވެނިކޮށްގެން އުޅޭ ގިނަ މީހުންގެ ހާލަތަށް ބަލާއިރު ލިބޭ އާމްދަނީއާއި ކުރަން ޖެހޭ ހަރަދު ދެކޮޅެއް ނުޖެހެއެވެ. މައިގަނޑު މައްސަލައަކީ ގެދޮރުގެ ދަތިކަމެވެ. އާމްދަނީގެ ބޮޑު ހޭދައެއް ކުއްޔަށް ދައްކަން ޖެހޭތީއެވެ. ހަމައެހެންމެ އުޅެން ލިބޭ ތަންކޮޅު ކުޑަވުމުގެ ސަބަބުން ދެމަފިރިން މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ ވެސް މާލޭގައި އުޅުމަށް ދައްޗެވެ. އެކަމަކު މާލެ ނޫން ތަނެއްގައި ވަސީލަތް ނެތުމުން މި ނޫންތާކު އުޅެވެން ވެސް ނެތީއެވެ. ހަރަދު ބޮޑު ދިރިއުޅުމުގެ ސަބަބުން އެއް ކުއްޖަކު ނުވަތަ ދެ ކުއްޖަކު ހޯދުން ނޫން ގޮތެއް ގިނަ ދެމަފިރިންނަކަށް ނެތެވެ.

ގިނަ ކުދިން ނުހޯދޭ އަނެއް ސަބަބަކީ ބެލެހެއްޓޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. ރާއްޖެއަކީ ތައުލީމީ ގައުމަކަށް ވާއިރު ދެ ޖިންސުގެ ގިނަ މީހުންނަކީ ވަޒީފާތައް އަދާ ކުރާ މީހުންނެވެ. އެކަން ވާން ޖެހޭނީ ވެސް އެހެންނެވެ. އަންހެނަކަށް ވީތީ ކުދިން ބަލަން ގޭގައި ކޮންމެހެން ހުންނާކަށް ނުޖެހެއެވެ. ނަމަވެސް ދެމަފިރިން ވަޒީފާއަށް ދާނަމަ ދަރިން ބެލެހެއްޓުމުގެ ކަންކަން ވަރަށް ދައްޗެވެ. މިހާރު ނަމަ ދެމަފިރިން ވަޒީފާއަށް ދިއުމަށްޓަކައި ދަރިން ހަވާލު ކުރަނީ މާމައިންނާއެވެ. ނޫނީ ޑޭކެއާ ސެންޓަރުތަކާއެވެ. ރާއްޖޭގެ ގިނަ ޑޭ ކެއާ ސެންޓަރުތަކުގެ އަގުތައް ވަރަށް ބޮޑެވެ. އެހެންކަމުން އެއީ ގިނަ މީހުންނަށް އަތްފޯރާ ހިދުމަތެއް ނޫނެވެ. އެހެންކަމުން ކުދިން ބެލެހެއްޓުމަށް ހުރި ދަތިތަކަކީ ވެސް ގިނަ މީހުން ގިނަ ކުދިން ނުހޯދާ ސަބަބެކެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ރާއްޖެއަށް ޖާގަ ލިބޭ އަނެއް ކަމަކީ ވަރީގެ ނިސްބަތް އިތުރުވުމެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރިގިނަ ލިސްޓްގެ އެންމެ ކުރީގައި އުޅޭ ގައުމެވެ. ކޮންމެ މަހަކު ވެސް ގިނަ ކައިވެނިތަކެއް ރޫޅެއެވެ. އާއިލާތައް ރޫޅުން ވަރަށް އާއްމު ކަމަކަށްވާއިރު މިއީ ވެސް ކުދިން ހޯދުން މަދުވާ ސަބަބެކެވެ.

ސިއްހީ މައްސަލަތަކުގެ ސަބަބުން ދަރިމައި ނުވެވޭ މީހުން ވެސް އާބާދީގެ ނިސްބަތުން ރާއްޖޭގައި ގިނައެވެ. އެކަމަށް ފަރުވާ ހޯދާ އެތައް ސަތޭކަ ދެމަފިރިންނެއް އެބައުޅެއެވެ. މިކަމަށް ހޯދާ ފަރުވާއަކީ އަގު ބޮޑު ކަމެކެވެ. އަދި ރާއްޖޭގެ އާސަންދައިން ކަވަރެއް ނުކުރެއެވެ. އެހެންކަމުން ސިއްހީ މައްސަލަތަކުގެ ސަބަބުން ވެސް ދަރިން ނުހޯދި މީހުން އެބަތިއްބެވެ.

މި މައްސަލަ ހައްލު ކުރެވޭނީ ކިހިނެއް؟

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރަނގަޅު ދިރާސާއެއް ހެދުމެވެ. ދިވެހި ދެމަފިރިން އެކަށީގެންވާ ވަރަށް ކުދިން ނުހޯދާ ސަބަބުތައް ދަނެގެންނަން ވީއެވެ. އެއަށް ފަހު އެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ސިޔާސަތުތައް އެކުލަވާލަންވީއެވެ. އެގޮތުން ބޯހިޔާވަހިކަމަކީ އެ މައްސަލައެއް ހައްލުވެއްޖެ ނަމަ ރާއްޖެއަށް ދިމާވެފައިވާ ގިނަ އިޖުތިމާއީ މައްސަލަތަކެއް ހައްލު ވާނެ ކަމެކެވެ. ބޭނުން ވަނީ ހެޔޮ އަގެއްގައި، އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ޖާގައެކެވެ. އޭރުން ގިނަ މީހުންނަށް ކައިވެނި ވެސް ކުރެވޭނެއެވެ. އަދި ގިނަ ކުދިން ވެސް ހޯދޭނެއެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރު ވުމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ބައެއް ގައުމުތަކަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ. އެހެންވެ އެ މައްސަލަ ހައްލު ކުރުމަށް އެ ގައުމުތަކުން ފިޔަވަޅުތައް ވެސް އަޅައެވެ. އޭގެ ތެރެއިން އެންމެ އާއްމު އެއް ކަމަކީ ހޯދާ ކޮންމެ ކުއްޖަކަށް ދައުލަތުން އެލަވެންސެއް ދިނުމެވެ. އެގޮތުން ކެނަޑާއާއި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ އިތުރުން ޖަރުމަނާއި ސްވެޑެން ފަދަ ގައުމުތަކުގައި އެފަދަ އެލަވަންސްތައް ދެއެވެ. އެއީ ގިނަ ކުދިން ހޯދުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އޭގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވިދާނެ ކަމެކެވެ.

ކާބޯތަކެއްޗާއި އެހެނިހެން އާއްމުކޮށް ގަންނަން ޖެހޭ ތަކެތީގެ އަގުތަކާއި ތައުލީމު ހޯދުމަށް ކުރަން ޖެހޭ ހަރަދުތައް ވެސް އަތްފޯރާ ފަށަން ތިރިކުރެވިއްޖެނަމަ އާއިލާއަށް ކުދިން އިތުރު ކުރަން ފަސޭހަވާނެއެވެ. އާސަންދައިގެ ދަށުން ސިއްހީ ފަރުވާ ހިލޭ ލިބޭގޮތަށް މިހާރު އޮތްނަމަ ވެސް އެކަން އޮތީ ހަގީގަތުގައި އެގޮތަކަށް ނޫނެވެ. އެކަން ވަނީ އައިޖީއެމްއެޗްއިންނެވެ. އެ ތަނުން ފަރުވާ ހޯދަން ވަރަށް ދައްޗެވެ. އަމިއްލަ ހޮސްޕިޓަލަކަށް ނުވަތަ ކްލިނިކަކަށް ގޮސްފިނަމަ އާސަންދައަށް ކެނޑުމަށް ފަހު ވެސް ވަރަށް ބޮޑު އަގެއް މީހާ އަތުން ނަގައެވެ.

ކުދިން ބެލެހެއްޓޭނެ، އިތުބާރު ކުރެވޭ ރަނގަޅު ނިޒާމެއް އޮތުމަކީ އާބާދީ އިތުރު ކުރުމަށް މުހިންމު ކަމެކެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުން އެކަން ކުރަނީ ރަނގަޅު ޑޭ ކެއާ ސެންޓަރުތައް ހަދައިގެންނެވެ. އެއީ ކުދިންނަށް ރައްކާތެރި އަދި އަގުހެޔޮ ތަންތަނެވެ. އެހެންކަމުން ރާއްޖޭގައި ވެސް އެފަދަ ރައްކާތެރި އެކަށީގެންވާ އަގެއްގައި ހިދުމަތް ލިބޭ ޑޭ ކެއާ ސެންޓަރުތައް ހުރުން މުހިންމެވެ.

ކޮންމެއަކަސް ރާއްޖޭގެ މިސްރާބު މިހުރީ ނުރައްކާތެރި ދިމާލަކަށެވެ. މަޖުބޫރީ ހާލަތުގެ ސަބަބުން ކުދިން ހޯދޭ މިންވަރު މާ މަދީއެވެ. އޭގެ ގެއްލުން މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެއަށް ފެންނާނެއެވެ. އެކަން ހައްލު ކުރަން ޖެހެއެވެ. އެހެންކަމުން އެކަމަށް ރަނގަޅު ސިޔާސަތެއް އެކުލަވާލަން ޖެހެއެވެ. އެކަން ވާނީ ރަނގަޅު ދިރާސާތަކާއެކުއެވެ.

comment ކޮމެންޓް